ފުވައްމުލައް ސިޓީގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ފުވައްމުލަކުގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކާއި އައްޑުއަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކަށް ކުރެއްވި ޒިޔާރަތެއްގައެވެ.
ފުވައްމުލަކުގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށުމަށް އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ދައުލަތުގެ ބައެއް ވަޒީރުންނާއި ީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފުވައްމުލައް ސިޓީގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ފުވައްމުލަކުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤައިމްކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ފުވައްމުލަކުގެ އިގްތިސާދަށް އިތުރު ކުރިއެރުން ގެނެސްދޭނެ ކަމެއްކަމަށެވެ.
"ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. މި އޭޓީއެމްއާއެކު މި ސިޓީގެ ފަރުދުންނާއި ވިޔަފާރިތަކަށްވެސް ބޭރު ފައިސާ ލިބުމަށް ފަސޭހަވެ، ފުވައްމުލަކުގެ އިގްތިސާދަށް އިތުރު ކުރިއެރުން ގެނެސްދޭނެ." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، އަދި 260 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.