ޚަބަރު

އުނގޫފާރުގައި އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ޤާއިމްކުރަނީ


  • މިކަމާގުޅޭ އެއްބަސްވުމުގައިވަނީ ސޮއިކޮށްފައި

  • ރ. އަތޮޅަށް ތަޢުލީމީ ފުރުސަތުތައް ފަހިވާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ކެމްޕަހެއް ރ. އުނގޫފާރުގައި ޤާއިމްކުރުމަށް، އުނގޫފާރު ކައުންސިލުން އިމާރާތް ޙަވާލުކޮށްފިއެވެ.

އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް އުނގޫފާރުގައި ޤާޢިމްކުރުމަށް އިމާރާތް ހަވާލުކުރީ، އެކަމަށްޓަކައި މިއަދު އެމްއެންޔޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް އުނގޫފާރުގައި ޤާއިމްކުރުމަށް، މިކަމާއިގުޅޭ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ، އެ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ. ޝެހެނާޒް އާދަމްއެވެ. އަދި އުނގޫފާރު ކައުންސިލް އިދާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ.

އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް އުނގޫފާރުގައި ޤާއިމްކުރުމަށް އިމާރާތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވީ، އުނގޫފާރުގައި އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ޤާއިމްކުރެވުމާއެކު ރ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ތަޢުލީމީ ގޮތުން ކުރިއަރައިދިއުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"އުނގޫފާރު ދަރިވަރުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަނީ ކާމިޔާބީތައް ހޯދަމުން. އުނގޫފާރުފަދަ ޢިލްމީ މުޖުތަމައުއަކަށް މިފަދަ ފުރުސަތެއް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޤަބޫލުކުރަން. މިކަމުގެ ސަބަބުން އިތުރުވާނީ ހަމައެކަނި ތަޢުލީމީ ފުރުސަތުތަކެއް ނޫން. އިޤްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް". ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރ. އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އުނގޫފާރުގައި ޤާއިމްކުރާ އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހުގައި އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި، 3 ކޯހެއް ފެށުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަަމަށް އުއްމީދުކުރައްވާކަމަށެވެ.

"އަޅުގަނޑުމެންގެ ރަށުން ރ،އަތޮޅުގެ ރައްޔިތުންނަށް ޚާއްސަކޮށް އުނގޫފާރުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ރަށުގަ ތިބެގެން އެކި އެކި ކޯސް ހެދުހުމުގެ ފުރުސަތު ލިބިގެންދާނެ. އަޅުގަނޑުގެ އުއްމީދަކީ، މަދުވެގެން 3 ކޯހެއް އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އިންތިޒާމްވެގެންދިއުން، ނާސިން ޓީޗިން އަދި ކޮމްޕިއުޓަރ ޓެކްނީޝަނުން ތަމްރީނުކުރުމުގެ ކޯސް ފެށުމުގެ އިންތިޒާމްތައް އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ހަމަޖެހިގެންދާނެކަމަށް އުއްމީދުކުރަން". ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ރ. އުނގޫފާރުގައި ޤާއިމްކުރުމުގެ މަޝްރޫޢަކީ، އަތޮޅުތެރޭގެ ރަށްތަކަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ޤައުމީ ޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެކި ކުނފުނިތަކާއި، ބައިނަލްއަޤްވާމީ އެކި ޔުނިވަރސިޓީތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށް ތަޢުލީމީ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ދަރިވަރުންނަށާއި، މުވައްޒަފުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް އެޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.