ޚަބަރު

އައްޑޫ ހުޅުދޫ، މީދޫ އިދާރީގޮތުން ވަކިކުރުމަކީ ދެރަށުގެ ތަރައްގީގެ ފެށުން: ރައީސް


އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ އިދާރީގޮތުން ވަކިކުރުމަކީ ދެ ރަށުގެ ތަރައްގީގެ ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުދޫ އަދި މީދުއަށް ކުރެއްވި ދަތުރުފުޅުގައި ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިދާރީ ގޮތުން ހިންގުމުގެ ނިޒާމުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ނިކަމެތިކަމާއި ބާކީކުރުމަށް ނިމުމެއް ގެނައުމަށް ގިނަ ރައްޔިތުން އެދުމުގެ މަތިން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ވަޢުދުވެވަޑައިގެންނެވި ކަމަށެވެ. އެ ވަޢުދުފުޅާ އެއްގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާއެކު ދެ ރަށް އައްޑޫސިޓީން އިދާރީގޮތުން ވަކިކުރައްވާފައިވާއިރު މިއީ ދެ ރަށުގެ ތަރައްގީގެ ފެށުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ތަރައްގީގައި އެންމެ މުހިންމު ކަމަކީ އަސާސީ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހިކަމުގެ ޚިދުމަތްތައް ރައްޔިތުންގެ ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް ފަހިވެގެން ދިއުން ކަމަށެވެ އެކަން ހާސިލްވެގެންދާނެ މަގު މިހާރު ހަމަޖެހިފައިވާ ކަމަށާއި އަންނަ އަހަރު އިންތިޚާބު ކުރެވޭ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ކައުންސިލާއެކު ރައްޔިތުން އެދޭގޮތަށް އެ ޚިދުމަތްތައް ދޭން ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުދޫ އާއި މީދޫގެ ތަރައްގީއަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށާއި އަހަރުތަކެއްވަންދެން ބާކީ ކޮށްފައި ތިބި ބަޔަކަށް އިސްކަން ދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށާއި އެއީ އެންމެން ހަމަހަމަކުރުމުގެ ސިޔާސަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްގީގެ ދާއިރާގައި، ސިއްޙީ ދާއިރާކަމުގައިވިޔަސް، ތަޢުލީމީ ދާއިރާ ކަމުގައިވިޔަސް، ވަޒީފާގެ ގޮތުން ވިޔަސް، އުމްރާނީ ތަރައްގީގެގޮތުން ކަމުގައިވިޔަސް، ސަރުކާރުގެ ބަޖެޓުތެރެއިންވިޔަސް، އަދި އެހެނިހެން ގޮތްގޮތުން ޕްރައިވެޓް ސެކްޓަރއިން އަޅުގަނޑުމެން ފަހިކޮށްދޭ ކަންކަންމުގައިވިޔަސް އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އައްޑު އަތޮޅު ހަމަހަމަކޮށް ތަރައްގީވެ. އައްޑު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތުގައި ތަރައްގީ ހާސިލްވަންދެން މި ސަރުކާރުން ތިބޭފުޅުންނަށް ކަންކަން ކޮށްދޭނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުޅުދޫ އަދި މީދޫއަށް ބޭނުންވާ ޚިދުމަތްތައް ގާއިމުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން، ދެ ރަށުގައި މުނިސިޕަލް ޚިދުމަތް ދޭން ބޭނުންވާ ޖާގަ މިހާރު ހުރި އިމާރާތްތަކުގައި ހުރި ޖާގައިގެ އިތުރަށް ޖާގަ އިތުރުކުރަންޖެހޭ ނަމަ އެކަން ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.