ޚަބަރު

އައްޑޫ ސިޓީ މީދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި


  • މި ފިޓްނަސް ސެންޓަރަކީ އާރްޑީސީ އާއި ހަވާލުކުރައްވައިގެން ތަރައްޤީކުރާ މަރުކަޒެއް

  • މީދޫ ފިޓްނަސް ސެންޓަރުގައި އިންޑޯ ޖިމާއި، އެރޮބިކްސް އާއި އެކި ކަހަލަ ބޯޑު ގޭމުތައް ކުޅެވޭނެ

އައްޑޫ ސިޓީ މީދޫގައި އަލަށް ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ފިޓްނަސް ސެންޓަރަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޙަވާލުކުރައްވައިގެން ތަރައްޤީކުރާ ސެންޓަރެކެވެ.

މި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

މީދޫ ފިޓްނަސް ސެންޓަރުގައިވެސް އިންޑޯ ޖިމާއި، އެރޮބިކްސް އާއި އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެކެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވެސް އެންމެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް ލަފާކޮށްފައިވާ ކުޅިވަރު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމެވެ.