ޚަބަރު

ސޫރިޔާގެ ޝަރާޢުއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަން އެމެރިކާއިން ހުށަހަޅައިފި


ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢުއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަން، އދގެ ސަލާމަތީ މަޖިލީހަށް ޤަރާރެއް އެމެރިކާއިން ހުށަހަޅައިފިއެވެ.

އެ ޤަރާރުގެ ކޮޕީއަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، ޝަރާޢުގެ އިތުރުން، ސޫރިޔާގެ އިންޓީރިއަރ މިނިސްޓަރު އަނަސް ޚާއްޠާބް އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލަން ވެސް އެމެރިކާގެ އެ ޤަރާރުގައި ހިމަނާފައިވާ ކަމަށެވެ.

ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ވީޓޯ ނުކުރާހާ ހިނދަކު، އެ ޤަރާރު ފާސްކުރަން މަދުވެގެން ނުވަ ޤައުމުގެ ތާޢީދު ބޭނުންވާނެއެވެ.

ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަން، 15 މެމްބަރު ޤަޢުމުގެ މައްޗަށް އެކުލެވޭ އދގެ ސަލާމަތީ މަޖިލީހަށް އެމެރިކާއިން ބާރު އަޅަމުންދާތާ އެތައް މަހެއް ވެއްޖެއެވެ.

މި ޤަރާރު ހުށަހަޅާފައިމިވަނީ، އަންނަ ހޯމަ ދުވަހުގެ ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޝަރާޢު އާ ބައްދަލުކުރައްވަން ހަމަޖެހިފައިވަނިކޮށެވެ.

އެޗްޓީއެސުން އަސްކަރީ ބަޣާވާތެއްކޮށް ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.

އެޗްޓީއެސަކީ ކުރިން އަލް-ނުޞްރާ ފްރަންޓުގެ ނަމުގައި ހަނގުރާމަ ކުރަމުން ދިޔަ ޖަމާޢަތެކެވެ. އެއީ، ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އަލް-ޤާޢިދާއާ ގުޅުން އޮތް ގުރޫޕެކެވެ. ނަމަވެސް، 2016ވަނަ އަހަރު އަލް-ނުޞްރާ ފްރަންޓުން ވަނީ އަލް-ޤާޢިދާއާ ފެޔަށް ޖެހި، ގުޅުން ކަނޑައިލާފައެވެ.

އެ ގުޅުމުގެ ތެރެއިން، އދއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އެޗްޓީއެސްގެ ވެރިންގެ ތެރޭގައި ޝަރާޢު އާއި ޚައްޠާބް ވެސް ހިމެނެއެވެ.

ނަމަވެސް، އެޗްޓީއެސް ވެރިކަމަށް އައިފަހުން، ދަތުރުފަތުރުކުރުމަށް ހަނިކުރަން، ޝަރާޢު އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅަށް، އދއިން ވަނީ ލުއިތަކެއް ދީފައެވެ. އެހެންކަމުން، އެ ޤަރާރު ފާސްކުރަން ލަސްވިނަމަވެސް، އަންނަ ހޯމަ ދުވަހު އެމެރިކާއަށް ދަތުރުކުރުމަށް ޝަރާޢުއަށް އެއްވެސް ހުރަހެއް ކުރިމަތިވާނެކަމަކަށް ނުބެލެވެއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި، ނިރުބަވެރި ޖަމާޢަތްތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށް، އދއިން ވެސް އެ ފިޔަވަޅުތައް އުވައިލުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެމެރިކާއިން އުވައިލުމާއެކު، ބައިނަލްއަޤްވާމީ މާލީ ނިޒާމުގައި އަލުން ބައިވެރިވުމުގެ ފުރުޞަތު ސޫރިޔާއަށް މިހާރު ވަނީ ހުޅުވިފައެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުން ސޫރިޔާ އެކަހެރިކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް މި ވަނީ މަގުފަހިވެގެން ގޮސްފައެވެ.