އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރެވޭނީ ވަރުގަދަ އަސްކަރިއްޔާއެއް ބިނާކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްއެންޑީއެފްގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެއަރ ސްޓޭޝަން އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަލަށް ޤާއިމުކުރެވުނު ވައިގެ މަރުކަޒާއެކު ރާއްޖޭގެ ކަނޑާއި ވައިގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ސިފައިންނަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޤައުމީ ދިފާޢީ ބާރުގެ ވައިގެ ބާރު އުފެއްދުމަށްފަހު، އެބާރު އިތުރަށް ތަރައްޤީކޮށް، އެދާއިރާއަށް ވަޞީލަތްތައް ހޯދައި، މީހުން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ވައިގެ ދެވަނަ މަރުކަޒު ށ. ފުނަދޫގައި ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުމަށް ވަރުގަދަ އަސްކަރިއްޔާއެއް ބިނާކުރުން މުހިންމު ކަމަށެވެ. ރާއްޖެއަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން ލިބޭނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނަމަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އަސްކަރީ ޤާބިލުކަން ޤާއިމުކުރެވޭ މިންވަރަކުން އިޤުތިޞާދުވެސް ކުރިއަރަމުންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
"ކޯސްޓްގާޑް ފްލީޓް ދެގުނަކުރުމާއި މެރިން ކޯއަށް ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. ސިފައިންގެ އިންސާނީ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމުގައި ވަރުގަދަ އަސްކަރިއްޔާއެއް ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އަންނަ އަހަރަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ކުރެވޭ އަހަރަށްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ވައިގެ ބާރު ވަރުގަދަކުރުމުގެ ގޮތުން އަސްކަރީ މަތިންދާ ބޯޓު ހޯދުމާއި ސައިބަރ އެޓޭކުތަކުން ދިފާޢުވުމަށް ސައިބަރ ވާފެއަރއެއް ޤާއިމުކުރުމުގެ އިތުރުން ވަށައިޖެހޭ ދިފާޢީ ނިޒާމެއް ޤައުމީ ދިފާޢުގައި ބާރުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ޒާމާނީ ޓެކްނޮލޮޖީއާއެކު ހުރިހާ ދާއިރާއަކުންވެސް ކުރިއަރާފައިވާ ވަށައިޖެހޭ ތަރައްޤީ ގެނެވިފައިވާ ބާރަކަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.