އައްޑޫ ސިޓީ މަރަދޫގައި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، އެމްލޮގް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެތެރެއިންނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. އެމްލޮގް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑިރެކްޓަރ ޙައިޝަމް ޢަލީއެވެ.
މިއީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފައްޓަވާ މަޝްރޫޢެކެވެ.