އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އެސް.އޭ.އެސް.އީ ކޮންސްޓްރަކްޝަނާ ހަވާލުކުރައްވައިފިއެވެ.
އަތޮޅުތެރޭގައި ޤާއިމްކުރާ ފުރަތަމަ ވަޤުފް އިމާރާތުގެ މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެސިޓީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި މިމަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެސް.އޭ.އެސް.އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ، އިބްރާހިމް ފަސީހުއެވެ.
މިވަޤްފު މަޝްރޫއަކީ، އޮފީސް ބަޔަކާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެކެވެ. މިއިމާރާތް ގާއިމްކުރަނީ ޒަމާނީ ވަސީލަތްތަކާއެކުއެވެ.
540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ވަޤުފު އިމާރާތުގެ ޖުމްލަ އަގަކީ، 20 މިލިޔަން ރުފިޔާއެވެ.
މި މަޝްރޫޢު ނިމުމާއެކު އައްޑޫގެ އިސްލާމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުއަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.
އައްޑޫ ސިޓީގެ އިތުރުން އިތުރުން ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ.ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ނިންމަވާފައެވެ. މި މަޝްރޫޢުތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެކެވެ.
އަތޮޅުތަކުގައި ޤާއިމްކުރާ ވަޤުފް ޢިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށެވެ. މީގެތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި، ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ.
މި ޢިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.