ޚަބަރު

އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމަށް 300 އެނދުގެ މަޝްރޫޢެއް


  • މި މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީގައި ވަޒީފާގެ ގިނަ ފުރުސަތު އުފެދޭނެ

އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމްގެ 300 އެނދުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މިއެއްބަސްވުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޝާތު ރަޝީދެވެ. އަދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯފަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒެވެ.

މި މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ. އަދި ފަތުރުވެރިކަމުގެ އިތުރުން އެ ސަރަހައްދުގެ އިޤްތިޞާދީ ހަރަކާތްތައްވެސް ފުޅާ ކުރެވޭނެއެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑު ސިޓީގެ ތަރައްޤީއަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުތައް ކަމަށްވާ ޝަންގްރިއްލާ ހުޅުވުމާއި، އައްސޭރި ޓޫރިޒަމް މަޝްރޫޢާއި ހަންކެޑެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާކަމަށެވެ. އަދި މިއިން ކޮންމެ މަޝްރޫޢަކުންވެސް ވަޒީފާގެ އެތައް ފުރުސަތެއް އައްޑޫ ސިޓީގައި ހުޅުވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ގެންދަވަނީ ފަށްޓަވައިދެއްވަމުންނެވެ.