ޒުވާނުންނާ ގުޅޭ ދާއިރާތަކުން 2 މަޝްރޫޢު އަދި މަސްވެރިކަމުގެ ދާއިރާއިން 2 މަޝްރޫޢެއް ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
ބަސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާ ފަންނާ ބެހޭ ވުޒާރާއާއި މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކާ ދެމެދުއެވެ. އަދި މަސްވެރިކަމުގެ ދާއިރާގެ މަޝްރޫޢުތައް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއާއި ކުންފުންޏާ ދެމެދުއެވެ.
1. ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑް - ހދ. ކުޅުދުއްފުށި ޔޫތު ތަރޑް ސްޕޭސް ބިނާކުރުން
2. ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑް - ގދ. ތިނަދޫ ޔޫތު ތަރޑް ސްޕޭސް ބިނާކުރުން
1. އެސްއޭ އެންއެން އިންޓަނޭޝަލަލް - ފ. ނިލަންދޫގައި މަސް ޕްރޮސަސްކުރާ ފެކްޓްރީއެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް
2. އޭތިއެން ޕްރައިވެޓް ލިމިޓެޑް - ގދ. ފިޔޮރީގައި މަސް ޕްރޮސަސްކުރާ ފެކްޓްރީއެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް
މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި 9 ދާއިރާއަކުން ޖުމުލަ 209 މަޝްރޫޢެއް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ. މިއީ އެއް ދުވަހެއްގައި މިހާ ގިނަ އަދަދެއްގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ސަރުކާރުން ހަވާލުކުރި ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ އަމާޒަކީ އަމިއްލަ ކުންފުނިތަކަށް މަޝްރޫޢުތައްދީ މާލީ ތަނަވަސްކަން ހޯދައިދިނުމެވެ. އަދި މި މަޝްރޫޢުތައް ހަވާލުކުރެވުމާއެކު އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.