އެމެރިކާއިން ކެމްބޯޑިޔާއަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތްއޮތުން އެ ޤައުމުން އުވާލައިފިއެވެ. އެމެރިކާއިން އެ ފަދަ ނިންމުމެއް ނިންމާފައި މި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެ ޤައުމުގެ ރައީސް ޑޮލަންޑް ޓްރަމްޕްގެ ބެއްލެވުމުގެ ދަށުން، ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ދެ ޤައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.
އެމެރިކާއިން ކެމްބޯޑިޔާއަށް ހަތިޔާރު ވިއްކުން ހުއްޓާލާފައި ވަނީ އެ ޤައުމުގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުގައި، 2021ވަނަ އަހަރުގެ ތެރޭގައެވެ. އެ ނިންމުން ނިންމާފައި ވަނީ އިންސާނީ ހައްޤުތަކާ ބެހޭ ކަންބޮޑުވުންތަކާއި ކޮރަޕްޝަންއާ ގުޅިގެންނެވެ.
ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތުން އުވައިލުމާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ ކެމްބޯޑިޔާއިން ސަލާމަތާއި ޞުލްޙަ ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ދިފާޢީ ގޮތުން އެމެރިކާއަށް އެއްބާރުލުންދީ ދޭދޭ ޤައުމުތަކުގެ މެދުގައި ހިނގާ ކުށްތައް ހުއްޓުވަން އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމެރިކާއިން މިހާރު ވަނީ ކެމްބޯޑިޔާއާއެކު އަސްކަރީ ޙަރަކާތްތައް ކުރިއަށް ގެންގޮސް ދިފާޢީ ރޮނގުން ގުޅުން ބަދަހިކުރަން ވެސް ނިންމާފައެވެ.
ހަތިޔާރު ވިއްކުމާ ގުޅޭގޮތުން މިހާރު ގެނެސްފައިވާ ބަދަލާއެކު ކެމްބޯޑިޔާއަށް ހަތިޔާރު ވިއްކުމަށް ހުއްދަ ދޭނީ ވަކިވަކި ކޭސްތައް ދިރާސާ ކުރުމަށް ފަހުގައެވެ.