އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުގަައި ސަރުކާރުންދޭ މުސާރައާއި އުޖޫރައިގެ ޚަރަދަށްފަހު އެންމެ ބޮޑު ޚަރަދެއް ހިނގަނީ އެހީއާއި ސަބްސިޑީ ދިނުމަށެވެ. ނަމަވެސް މިއަހަރާ އަޅާބަލާއިރު، އަންނަ އަހަރު ސަބްސިޑީއަށް ކުރަންޖެހޭ ޚަރަދު ދަށްވާނެކަމަށްވަނީ ލަފާކުރައްވާފައެވެ.
ސަބްސިޑީއާއި ސަރުކާރުންދޭ އެހީގެ ބައިގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ އިންޑައިރެކްޓް ސަބްސިޑީތަކާއި އާސަންދަ އަދި ބޭސްފަރުވާގެ އެހީ، އިޖުތިމާޢީ ރައްކާތެރިކަމަށްދޭ އެހީ، ލޯކަލް ކައުންސިލް ބްލޮކް ގްރާންޓް އަދި އަމިއްލަ ފަރާތްތަކަށް ދޭ އެހީއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ޖުޑިޝަރީ ދާއިރާއަށް މާލީ މިނިވަންކަން ދިނުމުގެ ގޮތުން އަލަށް ހިމަނާ ޖުޑިޝަރީގެ ސެކްޓޯރަލް ގްރާންޓްގެ ޚަރަދު ވަނީ މި ބައިގައި ހިމަނާފައެވެ.
ސަރުކާރުންދޭ އެހީއާއި އިޝްތިރާކާއި ސަބްސިޑީގެ ގޮތުގައި ހިމަނާފައިވަނީ ޖުމުލަ 10.5 ބިލިޔަން ރުފިޔާއެވެ. މި އަދަދަކީ މިއަހަރަށް ހިނގާނެކަމަށް ލަފާކުރާ ޚަރަދަށްވުރެ 400 މިލިޔަން ކުޑަ އަދަދެކެވެ.
މިއަހަރަށް ސަބްސިޑީގެ ގޮތުގައި ހިނގާނެކަމަށް ދައުލަތުން ލަފާކޮށްފައިވަނީ 10.9 ބިލިޔަން ރުފިޔާއެވެ. ނަމަވެސް ތެލުގެ އަގު ހެޔޮވެ، މިދިޔަ އަހަރު ހައުންސިން ސަބްސިޑީގެ ގޮތުގައި ދިން 1 ބިލިޔަން ރުފިޔާ ނުދިނުމަށް ނިންމުމާއެކު ސަބްސިޑީއަށް ކުރާ ޚަރަދު މިވަނީ ދަށަށް ގޮސްފައެވެ.
މިއަހަރަށް 1.14 ބިލިޔަން ރުފިޔާ ފިއުލް ސަބްސިޑީގެ ގޮތުގައި ޚަރަދު ކުރަންޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރު މި އަދަދު 1.06 ބިލިޔަން ރުފިޔާއަށް ދަށަށްދާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މި އަދަދު ދަށަށްދާން މައިގަނޑު ގޮތެއްގައި މެދުވެރިވި ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވަމުންދިއުމެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދައުލަތުންދޭ ވެލްފެއަރ އަދި އެހީގެ ގޮތުގައި 1417.5 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރައްވާފައިވެއެވެ. މި ބައިގައި ހިމެނެނީ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ކުރާ ބޭސްފަރުވާއަށް ދެވޭ އެހީ، ބެލެނިވެރިކަން ހަވާލުވެފައިވާ ފަރާތްތަކަށް ދެވޭ އެހީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެހީ އަދި ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީއެވެ.
ވެލްފެއަރ އަދި އެހީގެ ތެރެއިން އަންނަ އަހަރު އެންމެ ބޮޑު ޚަރަދެއް ހިނގަނީ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީގެ ޚަރަދަށެވެ. އެއީ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެހީދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ބަލައި އެހީދޭ މިންވަރު ކުއްޖަކަށް 1000 ރުފިޔާއިން 3000 ރުފިޔާއަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ. އެގޮތުން މި ޚަރަދު މިއަހަރަށް ހިނގާނެކަމަށް ބެލެވޭ 78.4 މިލިޔަން ރުފިޔާ އަންނަ އަހަރު ގާތްގަނޑަކަށް 170 އިންސައްތައިން އިތުރުވެ، 211.6 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ބަޖެޓުގައިވަނީ ލަފާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގެ ފައިސާ ދިނުމުގެ އުޞޫލަށްވެސް ބަދަލުތަކެއް ގެންނަވަން ނިންމަވާފައެވެ. އެގޮތުން ބިން ބޮޑެތި ރަށްރަށް ހިމެނޭ ކައުންސިލްތަކަށް ބޮޑު އަދަދެއް ލިބޭ ގޮތަށް އުޞޫލު ބަދަލުކުރެއްވިއެވެ. އެއާއެކު މި ހިނގާ އަހަރު ބްލޮކް ގްރާންޓަށް 2.1 ބިލިޔަން ރުފިޔާ ހިނގާނެކަމަށް ލަފާކުރިއިރު، އަންނަ އަހަރަށް މި އަދަދު 2.4 ބިލިޔަނަށް އިތުރުވާނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ.
ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ބައެއް އިނާޔަތްތަކަށް ބަދަލު ގެންނަވައި، އިނާޔަތްތައް ބޮޑުކުރެއްވި ނަމަވެސް، ޚަރަދު ކުޑަކޮށް ސަބްސިޑީއަށް ދެވޭ ޚަރަދު ދަށްވެފައިވާ ކަމެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅުއްވާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.