ޚަބަރު

ދިއްލީގެ މައި ވައިގެ ބަނދަރުގެ މުއާޞަލާތީ ނިޒާމަށް މައްސަލައެއް ދިމާވެ، އުދުހުންތަކަށް ބުރޫ އަރައިފި


ދުނިޔޭގެ އެންމެ ބާރުބޮޑު ވައިގެ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ، އިންޑިއާގެ ނިއު ދިއްލީގެ އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަތިންދާބޯޓުތަކާ މުއާޞަލާތު ކުރުމަށް ބޭނުންކުރާ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، 200އަށް ވުރެ ގިނަ މަތިންދާބޯޓު ފުރުން ލަސްވެފައިވާ އެ ޤައުމުގެ ވައިގެ ބަނދަރުތަކާބެހޭ އިދާރާއިން ބުނެފިއެވެ.

ދިއްލީގެ މައި ވައިގެ ބަނދަރުގެ މަތިންދާބޯޓުތަކާ މުއާޞަލާތުކުރާ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، 200އަށް ވުރެ ގިނަ މަތިންދާބޯޓުގެ ފުރަން ހަމަޖެހިފައިވާ އޮތް ވަގުތު ބައިގިޑިއިރެއްހާ އިރަށް ލަސްވެގެން ދިޔުމުގެ ސަބަބުން، އިންޑިއާގެ އެހެން ވައިގެ ބަނދަރުތަކުގެ އުދުހުންތަކަށް ވެސް ބުރޫއަރާނެކަމަށް ބެލެވެއެވެ.

ފްލައިޓުތައް ފުރުން ލަސްވީ، މުއާޞަލާތީ ނިޒާމަށް ދިމާވި މައްސަލައާ ގުޅިގެން، އެއަރ ޓްރެފިކް ކޮންޓްރޯލަރުން އަމިއްލަ އަތުން މަތިންދާބޯޓުތައް ފުރުމާއި ޖެއްސުމުގެ ޕްލޭންތައް ތައްޔާރުކުރަން ޖެހުމުން ކަމަށް އިންޑިއާގެ އެއަރޕޯޓްސް އޮތޯރިޓީން ބުންޏެވެ.

މި ކަމުގެ ސަބަބުން އުދުހުންތަކަށް ބުރޫއަރާފައިވާކަމަށް އިންޑިގޯ، ސްޕައިސްޖެޓު އަދި އެއަރ އިންޑިއާއިން ވެސް ފަސިންޖަރުންނަށް އަންގައިފައެވެ.

އިއްޔެގެ ހަވީރު އެ ނިޒާމަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ދިއްލީގެ މައި ވައިގެ ބަނދަރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވިއެވެ.

ނިޒާމަށް މައްސަލަ ދިމާވީ، ކޮޕިޔުޓަރ ވައިރަހެއްގެ ސަބަބުންތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.

ގަޑިއިރަކު ގާތްގަނޑަކަށް 60 އާއި 70 މަތިންދާބޯޓު ޖައްސާ ދިއްލީ މައި ވައިގެ ބަނދަރަށް ދިމާވި މި މައްސަލައާ ގުޅިގެން އެތެރޭގެ އުދުހުންތަކުގެ އިތުރުން ބައިނަލްއަޤުވާމީ ގިނަ އުދުހުންތަކަށް ވެސް ވަނީ ބުރޫ އަރައިފައެވެ.

މިދިޔަ އަހަރު ދިއްލީގެ މައި ވައިގެ ބަނދަރުން 78 މިލިއަން ފަސިންޖަރުންނަށް ވަނީ ޚިދުމަތްދީފައެވެ. ދިއްލީގެ މައި ވައިގެ ބަނދަރަކީ ދުނިޔޭގެ ނުވަ ވަނައަށް އެންމެ ބާރުބޮޑު ވައިގެ ބަނދަރުގެ ގޮތުގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރުތަކާބެހޭ އިދާރާއިން ވަނީ ދަރަޖަކޮށްފައެވެ.