ޚަބަރު

އީރާނުން ސުލްޙަ ބޭނުންވިނަމަވެސް، ގަދަބާރުން ނިޔުކްލިއަރ މަޝްރޫޢު ނުހުއްޓުވޭނެ: ޕީޒިޝްކިޔާން


އީރާނުން ސުލްޙަ ބޭނުންވިނަމަވެސް، ގަދަބާރުން އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމް ނުހުއްޓުވޭނެކަމަށް، އެ ޤަޢުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވެއްޖެއެވެ.

ޕިޒީޝްކިޔާން މިހެން ވިދާޅުވެފައިވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަން އީރާނުން އެދިފައިވާކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.

ޕިޒީޝްކިޔާން ވިދާޅުވި ގޮތުގައި، ބައިނަލްއަޤުވާމީ އޮނިގަނޑުގެ ތެރެއިން މަޝްވަރާކުރަން އީރާނުން އޮތީ ތައްޔާރަށެވެ. ނަމަވެސް، ނިޔުކްލިއަރ ހަކަތަ ނުވަތަ އަމިއްލަ މިނިވަންކަން ދިފާޢުކުރުމަށް ހަތިޔާރު އުފައްދާނަމަ، ޙަމަލާދޭނެކަމަށް ބުނާނަމަ، މަޝްވަރާ ކުރުމުގެ ބޭނުމެއް ނެތް ކަމަށް ޕިޒީޝްކިޔާން ވިދާޅުވިއެވެ.

އަމިއްލައަށް ދިފާޢުވުމުގެ ޙައްގު ދޫކޮށްލައި، މަދަނީ ބޭނުމަށް ނިޔުކްލިއަރ ހަކަތަ އުފެއްދުމަށް ދޫނުދޭނެކަމަށް އީރާނުން މީގެކުރިން ވެސް ވަނީ ތަކުރާރުކޮށް ބުނެފައެވެ.

"އެމެރިކާއިން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމަށްފަހު، އަޅުގަނޑުމެން ގާތު މި ބުނަނީ މިސައިލު ނުގެންގުޅެވޭނެއޭ. ދެން އެ މީހުން ބޭނުންއިރަކު އަޅުގަނޑުމެންނަށް މި ޙަމަލާދެނީ،" ޕިޒީޝްކިޔާން ވިދާޅުވިއެވެ.

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ ނިިއުލްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެމެރިކާއިން އީރާނަށް ދިން ޙަމަލާގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

އޭގެ ކުރިން އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން، އީރާނާއި އެމެރިކާއާ ދެމެދު ފަސް ފަހަރެއްގެ މަތިން މަޝްވަރާތައް ބާއްވާފައިވެއެވެ.
އީރާނުން ހިންގަމުންދާ ނިޔުކްލިއަރ ޕްރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުންކަމަށް ޔަހޫދީންގެ އިތުރުން ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެއެވެ.