ޚަބަރު

އެއަރ ކޯރގެ ޑްރޯންގެ އެހީގައި އަތުލައިގަތް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި!


  • ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައި

ޑްރޯން ބޭނުންކޮށްގެން އެމްއެންޑީއެފްއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގައި އިއްޔެ އަތުލައިގަތް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިއްޔެ އަތުލައިގަތް މަސްބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

އެމްއެންޑީއެފްއިން އިއްޔެ ވިދާޅުވީ، މިބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި މި ބޯޓު ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވި، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކުރުމަށްފަހު ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން ދެއްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ، 15 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. މިޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ވަނީ ފަށާފައެވެ.

އެއަރކޯއާއެކު 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ދިފާޢީ ބާރަށް ވަނީ ލިބިފައެވެ. ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އާންމޭންޑް އޭރިއަލް ވެހިކަލް، ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރު ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. އަދި ރޭގަނޑު އަނދިރީގައިވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން މި އުޅަނދަށް ލިބިފައިވެއެވެ.

މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސިފައިން ބަލަހައްޓަމުންދިޔައީ ބޮޑެތި ދަތިތަކާއެކު، ހަމައެކަނި ކޯސްޓުގާޑު ކަނޑުގެ އުޅަނދުތައް ބޭނުންކޮށްގެންނެވެ.