މިއަހަރުގެ ތެރޭގައި އަލަށް 6.5 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން ހާމަކުރައްވާފައިވާގޮތުގައި މިއަހަރުގެ 3 ވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިޔަން ރުފިޔާއަށް އަރައެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ތެރޭގައި 6.5 ބިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މިގޮތުން 6 ދާއިރާއަކުން ލޯނު ދޫކޮށްފައިވާއިރު، އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް 8.71 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.
ދެން އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ އަމިއްލަ ފަރުދުންނަށެވެ. އެއީ 5.34 ބިލިޔަން ރުފިޔާގެ ލޯނެވެ. ޢިމާރާތް ކުރުމަށާއި ގެދޮރުވެރިކަމަށް ބީއެމްއެލްއިން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް 5.09 ބިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.
ދަތުރުފަތުރާއި ކޮމިއުނިކޭޝަންގެ ދާއިރާއިން 2.40 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު އެކި ވިޔަފާރިތަކަށް 1.04 ބިލިޔަން ރުފިޔާގެ ލޯނު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ދޫކޮށްފައެވެ. މި ދާއިރާތަކުގެ އިތުރަށް އެހެނިހެން ދާއިރާތަކަށް 1.11 ބިލިޔަން ރުފިޔާވެސް ދޫކޮށްފައިވާކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ތަރައްޤީއާއި މުޖުތަމަޢުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭންކަކަށް ވީހިނދު، ޤައުމީ ތަރައްޤީގައި ޤައުމީ ބޭންކުގެ ހިއްސާ ވަރަށް ބޮޑެވެ.