ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް އަނެއްކާ ވެސް ބަހަނާ ދައްކައިފިއެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި ވާދަވެރި މެންޗެސްޓާ ސިޓީ އަތުން 3-0އިން ބަލިވި މެޗަށް ފަހު އޭނާ ބުނީ މެޗުން ބަލިވީ ސިޓީން ޑިފެންސާއި މެދުތެރެއަށް ކުޅުންތެރިން ގިނަކޮށްލުމުން ކަމަށެވެ.
"އެ މީހުން ދެ ލައިން ދޭތެރެއަށް ކުޅުންތެރިން ގިނަކޮށްލީމާ އަހަރުމެންނަށް ވަރަށް ބޮޑަށް އުނދަގޫވި. އަހަރުމެންނަށް ފުރަތަމަ ހާފުގައި އެއްގޮތަކަށް ވެސް ނުކުޅެވުނު. އެކަމަކު ފަހު ހާފު ރަނގަޅު. އެކަމަކު 2-0އިން އެ މީހުން ލީޑް ކުރަން ފެށުމުން އަހަރުމެންނަށް މޮޅުވުންވީ ވަރަށް ދަތި ކަމަކަށް،" ސްލޮޓް ބުންޏެވެ.
ލިވަޕޫލް ވިދިވިދިގެން ހަތް މެޗުން ބަލިވުމުން ވަރަށް ބޮޑަށް ސްލޮޓަށް ފާޑުކިއުން އަމާޒުވި އެވެ. ހާއްސަކޮށް ޕްރެސް ކޮންފަރެންސްތަކުގައި އޭނާ ބަހަނާ ދައްކާ ކަމަށް ކުރީގެ ކުޅުންތެރިން ބުނަމުންދިޔައެވެ. މި މެޗުން ބަލިވުމުން ވެސް އޭނާ ދެއްކި ވާހަކަތަކަކީ މީގެ ކުރިން ވެސް ޓީމު ބަލިވުމުން ދެއްކި ފަދަ ވާހަކަތަކެކެވެ.
"އެ މީހުން ވަރަށް މޮޅު. އަހަރުމެންނަށް ޑިފެންސް ލައިން ތެރެއިން ބޯޅަ ބޭރުކުރުންވީ ވަރަށް ދަތި ކަމަށް. އަހަރުމެން މިހާރަށްވުރެ ކުޅުން ރަނގަޅު ކުރަންޖެހޭ. އަހަރުމެންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގިނަ މެޗުތަކެއް އެއް ފެންވަރެއްގައި ކުޅުން،" ސްލޮޓް ބުންޏެވެ.
ހުސްވި ސީޒަނުގައި ލިވަޕޫލާ ހަވާލުވެ އެ ޓީމަށް އޭނާ ވަނީ އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް މި ސީޒަނުގެ ފުރަތަމަ ފަސް މެޗުގައި ޓޭބަލުގެ އެއްވަނާގައި އޮތުމަށްފަހު ލިވަޕޫލް މިހާރު އޮތީ 18 ޕޮއިންޓާއެކު އަށް ވަނާގައެވެ. މިއީ މިދިޔަ ހައެއްކަ އަހަރު ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ މެންޗެސްޓާ ޔުނައިޓެޑަށްވުރެ އެއް ދަރަޖަ ދަށް މަގާމެކެވެ. މި މެޗުން މޮޅުވުމުން ސިޓީ އަށް 22 ޕޮއިންޓާއެކު ދެ ވަނަ ލިބިފައިވާއިރު އާސެނަލް އެއްވަނާގައިވަނީ 26 ޕޮއިންޓާއެކުގައެވެ.