އދ. ފަތުރުވެރިކަމުގެ ޖަމްޢިއްޔާގެ 26 ވަނަ ސެޝަންގެ ވައިސް ޕްރެޒިޑެންޓު ކަމަށް ރާއްޖެ އިންތިޚާބުވެއްޖެއެވެ.
މި ސެޝަން ކުރިއަށްދަނީ ސަޢުދީ ޢަރަބިއްއާގެ ރިޔާދުގައެވެ. ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ އާއްމު ބައްދަލުވުން މި އަހަރު ކުރިއަށް ދަނީ ނޮވެމްބަރު މަހުގެ 7 އިން 11 އަށެވެ. މި އަހަރުގެ ބައްދަލުވުން ކުރިއަށްދަނީ "އޭ.އައި. ޕަވަރޑް ޓޫރިޒަމް: ރީޑިފައިނިންގ ދަ ފިއުޗަރ" މި ޝިއާރުގެ ދަށުންނެވެ.
މިހާރު ކުރިއަށްދާ އދ ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ 26 ވަނަ އާއްމު ބައްދަލުވުމުގައި ވައިސް-ޕްރެޒިޑެންޓްގެ ހައިސިއްޔަތުން 9 ވަނަ ދުވަހު ބޭއްވި އާއްމު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.
މި އަހަރުގެ ސެޝަންގައި ރާއްޖެއިން ވަނީ އދ ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ "ވާރކިން ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް" ގައި ބައިވެރިވެފައިއެވެ. މި ގްރޫޕްގެ މައިގަނޑު މަޤުޞަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމެވެ. އަދި މީގެ އިތުރުން، އިންޓަރ-އިންސްޓިޓިއުޝަނަލް ވާރކިންގ ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް އެކްޝަންގެ ވައިސް ޗެއަރއަށްވެސް ރާއްޖެ ވަނީ މި އަހަރުގެ އާއްމު ބައްދަލުވުމުގައި އައްޔަނުކޮށްފައިއެވެ.
މި ބައްދަލުވުމުގައި އދ.ގެ މެންބަރު ޤައުމުތަކާއި، އެފިލިއޭޓް މެންބަރުންނާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުން ވަނީ ބައިވެރިވެއެވެ. މި ބައްދަލުވުމުގެ ހަވާސާގައި ވަޒީރު ޠާރިޤު އިބްރާހީމް އެކި ޤައުމުތަކުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުންނާއި، ބައިނަލްއަގްވާމީ އެކި ޖަމްޢިއްޔާގެ މަންދޫބުންނާއި ބައްދަލުކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.