ޚަބަރު

ރާއްޖެއަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދާއިމީ ކުރަން ނިންމައިފި


  • ވަޒީރު ވަނީ، މައްކާ ރޫޓު އިނީޝިއޭޓުގެ ސުޕަވައިޒަރީ ކޮމެޓީއާ ބައްދަލުކުރައްވާފައި

  • ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ލިބޭނެ

ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދާ ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދާއިމީ ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިކަން ހަމަޖައްސާފައިވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަވާ ރަސްމީ ދަތުރުގައި މައްކާ ރޫޓު އިނީޝިއޭޓުގެ ސުޕަވައިޒަރީ ކޮމެޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މައްކާ ރޫޓުގެ ދަށުން ޙައްޖުގެ ޚިދުމަތް ރާއްޖެއަށް ދާއިމީކޮށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށް މައްކާ ރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީން ވިދާޅުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ހައްޖަކީ، ރާއްޖެއަށް މައްކާ ރޫޓުގެ ތަޖުރިބާގެ ފަހަރު ކަމުން، މިކަމާމެދު ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި، ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި، އެއަރޕޯޓާއި ކަަަސްޓަމްސްއާއި، އިމިގްރޭޝާނާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި މުހިންމުކަން ސަޢުދީ ސަރުކާރުން ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި އެކޮމިޓީގައި ހިމެނޭ ސަޢުދީގެ ހައްޖު މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީއާއި، އޭވިއޭޝަނާއި، އިމިގްރޭޝަނާއި، ދާޚިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ދާއިމީ ގޮތެއްގައި މައްކާ ރޫޓު ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ، ހައްޖުގެ އަޅުކަމުގެ ދަތުރު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހަމައެއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ދާއިމީ ކޮށްދެއްވާ، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަ ކަމެއް ހޯދައިދެއްވި ކަމަށްޓަކައި ވަޒީރު ވަނީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދީގެންނެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިގެން ދިއުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ދިވެހި ޙައްޖުވެރިންނަށް ދޭ ޚިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. މި ޚިދުމަތުގެ ސަބަބުން ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މަގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން ހިމެނެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރަޖިސްޓަރކޮށް، ބޯޑިންގ ޕާސް ވަގުތުން ލިބޭނެ ގޮތް މަގުފަހިވެފައިވެއެވެ.

މި ޚިދުމަތުގެ ސަބަބުން ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމްވެފައިވެއެވެ. މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ލިބިގެން ދިއުންވެސް ހިމެނެއެވެ.


މައްކާ ރޫޓް އިނިޝިއޭޓިވްއަކީ، 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި، އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ.

މިއީ، ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.