ކުޅިވަރު

ރާއްޖެ - ފަލަސްޠީނު މެޗަކީ ދިވެހި ކުޅުންތެރިންނަށް ފައިދާތަކެއް ކުރާނެ މެޗެއް: ސޮބާހު


  • ރާއްޖެ - ފަލަސްޠީނު މެޗުތައް ތާވަލުކޮށްފަވަނީ މިމަހުގެ 13 އަދި 15 ވަނަ ދުވަހަށް

  • މިމެޗުގެ ސަބަބުން ދިވެހި ކުޅުންތެރިންގެ ކޮންފިޑަންސް ވަރުގަދަވެ ބިރުފިލާނެކަމަށް ކޯޗު ދެކޭ

  • މެޗުތައް ކުޅޭނީ ގަލޮޅު ދަނޑުގަ

މިމަހުގެ 13 އަދި 15 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ރާއްޖެ އަދި ފަލަސްޠީނު ބައްދަލުކުރާ އެކުވެރިކަމުގެ ދެ މެޗަކީ ދިވެހި ކުޅުންތެރިންނަށް ފައިދާތަކެއް ކުރާނެ މެޗުތަކަކަށް ވާނެކަމަށް ގަބޫލުކުރާކަމަށް 17 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗު ސަބާހު މުޙައްމަދު (ސޮބާ) ބުނެފިއެވެ.

ރާއްޖޭގެ ޒުވާން ޓީމާއި ފަލަސްޠީނު ޓީމާ ދެމެދު ކުޅެވޭ ދެ މެޗަކީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕު ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ފަލަސްޠީނު ޓީމު ރާއްޖޭގައި ޓްރެއިނިން ކޭމްޕެއް ބޭއްވުމަށް ކުރި ޒިޔާރަތުގެ ތެރެއިން ރޭވިގެން ދިޔަ ދެ މެޗެވެ. މިމަހުގެ 10 ވަނަ ދުވަހު އެޓީމު ރާއްޖެއަށް އައިސްފަވާއިރު ރާއްޖޭގެ ގައުމީ ޓީމުވެސް މިހާރު ތައްޔާރުވަމުން އަންނަނީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕު ކޮލިފައިންގައި ވާދަކުރުމަށެވެ.

މާފަންނު ޓާފު ދަނޑުގައި ކުރިއަށް ދިޔަ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސޮބާހު ބުނީ އޭޝިއަން ކަޕު ކޮލިފައިންގ މެޗުގެ ކުރިން ފަލަސްޠީނާއެކު ކުޅޭ މެޗުގެ ނަތީޖާ ރަނގަޅުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އެޓީމުގެ ކުޅުން އަދި އަންދާޒާ ކުރަން އުނދަގޫކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް އެއީ އަރަބި ޓީމެއްކަމުން ރާއްޖޭގެ ކުޅުންތެރިންނާ އަޅާބަލާއިރު ޖިސްމާނީ ގޮތުންނާއި ބުންވަރުގެ ގޮތުން އަދި ހުނަރުގެ ގޮތުންވެސް އެޓީމު ވަރުގަދަވާނެކަމަށް ބެލެވޭކަމަށް އޭނާ ބުނެފަވެއެވެ.

"އަޅުގަނޑަކަށް އަދި އެންމެ ރަނގަޅަކަށް ފަލަސްޠީނުގެ ފެންވަރެއް ނޭނގެ. ނަމަވެސް ގަބޫލުކުރެވެނީ އަރަބި ގައުމެއްވެފަ ފިޒިކަލީ ވަރުގަދަވެފަ އެމީހުން ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށްވުރެ ފުޓްބޯޅައަށް ހުރިހާ ގޮތަކުންވެސް ރަނގަޅުވާނެއޭ" ސޮބާހު ބުންޏެވެ.

ސޮބާހު ބުނީ މި ދެމެޗަކީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވަރަށް މުހިންމު ދެ މެޗަށްވާނެކަށެވެ. ކޮލިފައިން ކުރިމަތިވަމުން އަންނައިރު އޭގެ ކުރިން ބައިނަލްއަގްވާމީ މެޗުތަކެއް ކުޅެލަން ލިބުމަކީ ކުޅުންތެރިންގެ ބިރު ފިލުވާލުމަށާ ކޮންފިޑެންސް ގެނައުމަށް ބާރަކަށްވެގެންދާނެކަމަށް އޭނާ ފާހަގަކުރިއެވެ.

"ވަރަށް ރަނގަޅު މެޗެކޭ އަޅުގަނޑު ބުނާނީ މިކުދިންނަށް ކޮލިފައިންއަށް ދިއުމުގެ ކުރިން މިކުދިން ޓެސްޓު ކޮށްލަން މިމީހުންގެ އެ ގައިގަ ހުރި ބިރު ކަނޑުވާލަން ނޫނީ ކޮންފިޑެންސް ގެއިން ކޮށްލަން ހަގީގަތުގަ މި ދެ މެޗަކީ މުހިންމު ދެ މެޗުކަމަށް އަޅުގަނޑު ގަބޫލުކުރަނީ" ސޮބާހު ބުންޏެވެ.

ރާއްޖެ އަދި ފަލަސްޠީނު ޓީމުގެ މެދުގައި ކުޅޭވޭ އެކުވެރިކަމުގެ ދެ މެޗު ތާވަލުކޮށްފަވަނީ މިމަހުގެ 13 އަދި 15 ވަނަ ދުވަހަށެވެ.

17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެއިން އެންމެ ފުރަތަމަ ނުކުންނާނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު މޮންގޯލިއާ އާއި ދެކޮޅަށެވެ. އެއަށްފަހު އޭގެ ހަތަރު ދުވަސް ފަހުން ކޮލިފައިން ކުރިއަށްދާ ގައުމުކަމަށްވާ ތައިލޭންޑާ ދެކޮޅަށް ކުޅޭނެއެވެ. އަދި ކުވައިތާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފަވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

މިމުބާރާތުގައި ރާއްޖެ ހިމެނެނީ ކޮލިފައިން ގްރޫޕް ޑީގައެވެ. މި ގްރޫޕްގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައެވެ. މި ގްރޫޕްގަ ދެން ހިމެނޭ ގައުމުތަކަކީ ކޮލިފައިން ބާއްވާ ގައުމުކަމަށްވާ ތައިލޭންޑު، ކުވައިތު އަދި ތުރްކްމެނިސްތާނުގެ އިތުރުން މޮންގޯލިއާއެވެ.