ޚަބަރު

ތުރުކީ އިން 1024 ކުޅުންތެރިއަކު ސަސްޕެންޑް ކޮށްފި


ބެޓް ކުރާ ކަމަށް ތުހުމަތު ކުރެވި ތުރުކީ އިން އެ ގައުމުގެ ޕްރޮފެޝަނަލް ލީގުތަކުގައި ކުޅޭ 1024 ކުޅުންތެރިއަކު ސަސްޕެންޑް ކޮށްފި އެވެ.

ތުރުކީގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވާ ގޮތުގައި ކުޅުންތެރިން ބެޓް ކުރާ ކަމަށް ތުހުމަތު ކުރެވިފައިވާ ބޮޑު މައްސަލައިގައި ހިމެނޭ 1024 ކުޅުންތެރިންގެ ތެރޭގައި ތުރުކީގެ ބޮޑު ލީގުގައި ވާދަކުރާ 27 ކުޅުންތެރިން ހިމެނޭއިރު އެހެން ކުޅުންތެރިންނަކީ ދަށް ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ.

މީގެ އިތުރުން ތުރުކީގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ތިންވަނަ ޑިވިޝަނާއި ހަތަރު ވަނަ ޑިވިޝަނުގެ މެޗުތައް ދެ ހަފްތާއަށް މެދު ކަނޑާލާފަ އެވެ. ނަމަވެސް ފުރަތަމަ ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ 27 ކުޅުންތެރިންގެ ތެރޭގައި މަޝްހޫރު ބެސިކްޓާސްގެ ދެ ކުޅުންތެރިން ހިމެނޭއިރު އެ ކްލަބުގައި ވަނީ އެ ދެ ކުޅުންތެރިންގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އަދި އެ ދެ ކުޅުންތެރިން އެފަދަ ކަމެއް ނުކުރާނެ ކަމަށާއި އެ އަދަބުން ސަލާމަތް ކޮށްދިނުމަށް އެ ކްލަބުން ވަނީ ގޮވާލާފަ އެވެ.

ބެސިކްޓާސްގެ އިތުރުން ސުޕަރ ލީގުގެ ޗެމްޕިއަން ގަލަތަސަރާއީގެ ދެ ކުޅުންތެރިއަކުވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އަށް މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި ކްލަބެއްގެ ޗެއަރމަން އެއްވެސް ހިމެނޭ ކަމަށް ތުރުކީގެ މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. ދާދި ފަހުން ތުރުކީގެ ކޯޓަކުން ވަނީ 21 މީހަކު ހައްޔަރުކުރުމުގެ އަމުރުވެސް މި މައްސަލައާއި ގުޅިގެން ނެރެފަ އެވެ.

މީގެ އިތުރުން ތުރުކީގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފަރގައި ކުޅުންތެރިން ހޯދުމަށް އެ ގައުމުގެ ކްލަބްތަކަށް އިތުރު ދެ ހަފްތާގެ މުއްދަތެއް ދިނުމަށް ފުޓްބޯޅައިގެ މައި އިދާރާ, ފީފާ ގައި އެދިފަ އެވެ.

ތުރުކީގެ ފުޓްބޯޅަ ފެޑަރޭޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ 571 ރެފްރީންގެ ތެރެއިން 371 ރެފްރީން ވަނީ ބެޓިން އެކައުންޓްތައް ހަދާފަ އެވެ. އަދި މި މައްސަލައިގައި ގިނަ އަދަދެއްގެ ރެފްރީންވެސް ވަނީ އެއް އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.