މިދިޔަ އަހަރުން ފެށިގެން އޮކްޓޫބަރު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް 6000އަށްވުރެ ގިނަ ފަހަރު ޤައިދީންނާއި ބަންދުކޮށްފައި ތިބި މީހުން ފަރުވާ ހޯދަން މާލެ ގެނެސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން މިދިޔަ އޮކްޓޫބަރު މަހުގެ 15ވަނަ ދުވަހާ ހަމައަށް ޤައިދީންނާއި ބަންދުކޮށްފައިތިބި މީހުންނާ ގުޅޭ އެކިއެކި ތަފާސްހިސާބު ހިއްސާކޮށްފައެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުން މި މުއްދަތުގެ ތެރޭގައި ކަރެކްޝަނަލް ސަރވިސުން ބަލަހައްޓަމުންދާ ހުޅުމާލެ، މާފުށީ އަދި ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ބަންދުކޮށްފައި ތިބި މީހުންނަށް ޖުމުލަ 899 ފަހަރު ވަކީލާ ބައްދަލުކުރުމުގެ ފުރުޞަތުދީފައިވެއެވެ. އަދި 2700 ފަހަރު ޢާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.
މީގެ އިތުރުން މި މުއްދަތުގައި 1001 ފަހަރު ވަކީލުންނާ ފޯން ކޯލްކުރުމުގެ ފުރުޞަތު ދީފައިވާއިރު، 23،111 ފަހަރު ޢާއިލާއާ ފޯން ކޯލްކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.
ތަފާސްހިސާބުތަކުގައި ޤައިދީންނާއި ބަންދުކޮށްފައި ތިބި މީހުންގެ ޝަރީޢަތްތައް ކުރިއަށްދިޔަ ގޮތުގެ ތަފުޞީލުވެސް ޙިއްސާކޮށްފައެވެ.
• ވީޑިއޯ ކޯލް މެދުވެރިކޮށް ކުރިއަށްގެންދިޔަ ޝަރީޢަތްތަކުގެ އަދަދު: 8176
• ކޯޓުތަކަށް ޙާޟިރުކުރުމަށް ކަނޑުމަގުން ނުވަތަ އެއްގަމުން ގެންގޮސްފައިވާ އަދަދު: 3269
ޤައިދީންނާއި ބަންދުކޮށްފައި ތިބި މީހުންނަށް ފޯރުކޮށްދީފައިވާ ޞިއްޙީ ފަރުވާގެ ތަފާސްހިސާބަށް ބަލާއިރު، ޑޮކްޓަރީ ފަރުވާއަށް 6349 ފަހަރު ވަނީ މާލެ ގެންގޮސްފައެވެ. އަދި 127 ފަހަރު އެމަރޖެންސީ ފަރުވާއަށް މާލެ ގެންގޮސްފައިވާއިރު، 1805 ފަހަރު ވަނީ ޖަލުގެ މެޑިކަލް ސެންޓަރުގެ ނަފުސާނީ ޑޮކްޓަރަށް ދައްކާފައެވެ. މީގެ އިތުރުން ޖަލުގެ އޯޕީޑީ އަދި އެމަރޖެންސީއަށް 23579 ފަހަރު ޑޮކްޓަރަށް ދައްކާފައިވެއެވެ.
މިވަގުތު 3 ޖަލާއި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދަނީ ކަރެކްޝަނަލް ސަރވިސްއިންނެވެ. ރާއްޖޭގައި 1718 ގައިދީން ޖަލުތަކުގައި ތިބިއިރު، އޭގެ ތެރެއިން 1591 ޤައިދީން ބަންދުކޮށްފައި ތިބީ ކަރެކްޝަނަލްއިން ބަލަހައްޓާ ޖަލުތަކުގައެވެ.
ޤައިދީންގެ ހައްޤުތައް ކަށަވަރުކޮށްދީ، އެ މީހުން އަނބުރާ މުޖުތަމަޢަށް ނެރުމަށް ތައްޔާރުކުރުމުގެ ގޮތުން މި ސަރުކާރުން އައްޔަންކުރި ކަރެކްޝަނަލްގެ މެނޭޖްމަންޓުން ދަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ދިގު މުއްދަތަށް ޖަލުގައި ހޭދަކުރާ ގައިދީންނަށް ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމާއި، އަންހެނުންނަށް ޚާއްސަ ވޮކޭޝަނަލް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކަރެކްޝަނަލްއާއި ސްކިލްސް ޑިވަލޮޕްމެންޓް އޮތޯރިޓީ ގުޅިގެން ދަނީ ކުރަމުންނެވެ. އަދި ފުރަތަމަ ފަހަރަށް މާފުށީ ޖަލުގައި ޤައިދީންގެ ފުޓްސަލް މުބާރާތެއް ބޭއްވީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.