ނޮވެންބަރު 10-15 އަށް ވިއެޓްނާމުގައި ކުރިޔަށްދާ ބިލީ ޖީން ކިންގް ކަޕް 2025 ގައި އޭޝިއާ/އޯޝޭނިއާ ގުރޫޕް 3 ގެ އެއްވަނަ ހޯދާ ރާއްޖެއިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޓެނިސް އަންހެން ވޯލްޑް ކަޕް ކަމުގައި ބަލާ ބިލީ ޖީން ކިންގް ކަޕްގައި ރާއްޖެއިން ވާދަކުރަނީ ނަބާ ނިޝާން، އާރާ އާސަލް އާޒިމް، ނަޔާރާ އުސާމާ ޢަލީ އަދި ޢާއިޝަތު ކަރިން ސައިޒާންއެވެ. ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އައިމިނަތު އިރުފާ މާހިރެވެ. ރާއްޖޭގެ ޓީމަށް އިރުޝާދުދެނީ ގައުމީ ޓެނިސް ޓީމުގެ ކޯޗު އީރާނުގެ އަލީ ރިޒާއެވެ.
ގުރޫޕުގެ އެއްވަނައިގައި ރާއްޖެ އޮތްއިރު މިއަދު ވިއެޓްނާމާ ދެކޮޅަށް ކުޅުނު ސިންގަލްސް 2 މެޗާއި ޑަބަލްސް މެޗުވެސް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.
ވިއެޓްނާމާ ދެކޮޅަށް ކުޅުނު ސިންގަލްސް ފުރަތަމަ މެޗު ރާއްޖޭގެ ނަބާ ކާމިޔާބުކުރީ 6-0، 3-6 އަދި 6-4 ންނެވެ. ސިންގަލްސް ދެ ވަނަ މެޗު އާރާ ކާމިޔާބުކުރީ 6-7، 6-3 އަދި 6-2 ންނެވެ.
ވިއެޓްނާމާ ދެކޮޅަށް ކުޅުނު ޑަބަލްސް މެޗު ރާއްޖޭގެ ނަޔާރާ އާއި ކަރިންގެ ޕެއާއިން ކާމިޔާބުކުރީ 5-7، 6-4 އަދި 13-11 ންނެވެ.
ހަތް ޓީމު ބައިވެރިވި މި މުބާރާތުގައި ދެ ގުރޫޕަކަށް ޓީމުތައް ބަހާލާފައިވާއިރު ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ބަހްރެއިން އަދި ވިއެޓްނާމެވެ.
ބަހްރެއިން އަތުން ރާއްޖެ މޮޅުވެފައިވަނީ 3-0 އަދި ވިއެޓްނާމް އަތުންވެސް ރާއްޖެ މޮޅުވީ 3-0 ންނެވެ.
ފައިނަލްގެ ޖާގަ ކަށަވަރުކުރުމަށް މާދަމާ ސެމީ ފައިނަލްގައި ރާއްޖެ ނިކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ.