ބާސެލޯނާގެ ތާރީޚުގައިވެސް ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ އަލުން އެ ކުލަބަށް ގެނައުމުގެ ވާހަކަ ދައްކަން މާ އަވަސް ކަމަށް ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މެސީ ކުއްލި ގޮތަކަށް ސްޕެއނަށް އައިސް އެކަކަށްވެސް ނާންގައި ބާސެލޯނާގެ ސްޓޭޑިއަމަށް ވަދެ ފޮޓޯ ނަގައި ކޮންމެވެސް ދުވަހަކުން އެނބުރި އަންނަ ބޭނުން ކަމަށް ބުނުމުންނެވެ.
ނަމަވެސް ލަޕޯޓާ ބުނީ މިއީ ހަގީގަތަށްނުވެ ހިނގައިދާނެ ކަމެއްގެ ވާހަކަ އެކި ގޮތްގޮތަށް ދައްކައި ކަންކަން އޮޅުވާލަންވީ ވަގުތެއް ނޫން ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ އަކީ މެސީގެ ކަމަށާއި ކުލަބުން އަބަދުވެސް ކުރީގެ ކެޕްޓަނަށް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް އޭނާ އެނބުރި ކުލަބަށް އަންނާނީ ކޮންއިރަކުންތޯ އެނގޭނީ މެސީ އަށް ކަމަށެވެ.
ލަޕޯޓާ ބުނީ އޭނާ ބާސެލޯނާގެ ރައީސް ކަމުގައި ހުރެފިނަމަ އަންނަ އަހަރުގެ ފަހުބައިގައި ބާސެލޯނާގެ ސްޓޭޑިއަމް މުޅިން ނިމުމުން އެތަން އަލުން ހުޅުވުމުގެ ރަސްމިއްޔާތަކަށް ހަނދާނީ މެސީއަށް ހާއްސަ ފުޓްބޯޅަ މެޗަކުން ކަމަށެވެ.
މެސީ ބާސެލޯނާއިން 2021 ވަނަ އަހަރު ދާން ޖެހުނީ ކުއްލި ގޮތަކަށެވެ. އެއީ ކުލަބުގެ މާލީ ހާލަތު ހުރި ގޮތުންނެވެ. މިކަމާ ގުޅިގެން ލަޕޯޓާ އާއި މެސީގެ ގުޅުން ގޯސްވި ނަމަވެސް މިހާރު އެ ގުޅުން ދަނީ ރަނގަޅު ވަމުންނެވެ.
"އަހަރެން ދެރައެއް ނުވޭ މެސީ ދާން ޖެހުމުން. ސަބަބަކީ އެއްވެސް މީހަކު ކުލަބަށްވުރެ ބޮޑު ނުވާނެތީވެ. އެކަމަކު މެސީ ދާން ޖެހުމަކީ އަހަރުމެން އެކަކު ވެސް ބޭނުންވި ކަމެއްނޫން. އޭނާ އަށް އަބަދުވެސް މިތަނުގައި ފުރުސަތު އޮންނާނެ. ދެން އޭނާއާ ގުޅުވައިގެން ހަގީގަތަށް ނުވެދާނެ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން،" ލަޕޯޓާ ބުންޏެވެ.
ސްޕޭނުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ކުރިއަށް އަހަރުގެ ވޯލްޑް ކަޕުގެ ކުރިން އެމެރިކާ ލީގުގެ އޮފަ ސީޒަނުގައި މެސީ ކޮންމެވެސް ކުލަބަކާއެކު ފަރިތަކުރަން ބޭނުންވެ އެވެ. އަދި އެމެރިކާ ލީގުގެ ގަވާއިދުގައިވާ ބެކަމް ކްލޯސް ނުވަތަ ބެކަމް މާއްދާގެ ދަށުން މެސީ އަށް ޑިސެމްބަރުން ފެށިގެން ފެބްރުއަރީއާ ހަމައަށް ލޯނު އެމެރިކާ ނޫން ގައުމެއްގެ ޓީމަކަށް ކުޅުމުގެ ފުރުސަތު ލިބެ އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ކުޅުންތެރިޔާ ދާދި ފަހުން ބުނެފައިވަނީ އޭނާ އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅޭނީ ފިޓްކޮށް ހުރެފިނަމަ އެކަނި ކަމަށެވެ.
"ވޯލްޑް ކަޕުގައި ޓީމަށް އަހަންނާހެދި އުނދަގޫވާކަށް ބޭނުމެއްނޫން. އަހަރެން ކުޅޭނީ އަހަރެންގެ ފިޓްނަސް ހުރި ވަރެއް ބަލާފައި. އެކަމަކު ވޯލްޑް ކަޕަކީ ވަރަށް ހާއްސަ މުބާރާތަކަށް ވުމުން އެ މުބާރާތް ކުޅުމުގެ ޝައުގު އެބަހުރި. އެކަމަކު އަދި އަހަރެން ވަކި ގޮތެއް ނުނިންމަން،" މެސީ ބުންޏެވެ.