ކުޅިވަރު

ނައިޖީރިއާ ކުޅުންތެރިން ހަޅުތާލު ނިންމާލައި ޕްރެކްޓިސް ފަށައިފި


ވޯލްޑް ކަޕް ކޮލިފައިންގެ އެންމެ މުހިންމު ހިސާބުން ނައިޖީރިއާ ކުޅުންތެރިން ފެށި ހަޅުތާލު ނިންމާލައި މިއަދު ކުޅެން އޮތް މެޗަށް ޕްރެކްޓިސް ފަށައިފިއެވެ.

ކުޅުންތެރިން ފަރިތަކުރުންތައް ބޮއިކޮޓް ކޮށްފައިވަނީ ބޯނަސްގެ މައްސަލާގަ އެވެ. ނަމަވެސް ކެޕްޓަން ވިލިއަން ޓްރޫސްޓް އެކޮންގް ވަނީ ނައިޖީރިއާ ފުޓްބޯޅަ ފެޑަރޭޝަނާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެފަ އެވެ.

"މިހާރު މައްސަލަ ހައްލުވެއްޖެ. އަހަރުމެން މި ތިބީ ކޮލިފައިން މެޗު ކާމިޔާބު ކުރަން އެކަތިގަނޑެއްގެ ގޮތުގައި،" ކުޅުންތެރިންގެ ފަރާތުން އެކޮންގް ނެރުނު ބަޔާނުގައި ބުނެފަ އެވެ.

އޭނާ ބަޔާން ނެރުނުތާ ކުޑައިރުކޮޅެއް ފަހުން ކުޅުންތެރިން ޕްރެކްޓިހަށް ހޮޓަލުން ނުކުތް މަންޒަރު ނޫސްވެރިން ވަނީ ކެމެރާ ކޮށްފަ އެވެ.

ނައިޖީރިއާ ޓީމު މިވަގުތު ތިބީ އެފްރިކާ ސަރަހައްދުގެ ކޮލިފައިންގެ ޕްލޭއޯފް މެޗުތައް ކުޅެން މޮރޮކޯގަ އެވެ. ޕްލޭއޯފްގައި ނައިޖީރިއާ ވާދަކުރަން ޖެހޭނީ ގެބޯންއާ އެވެ. މި މެޗުން ބަލިވެއްޖެނަމަ އެ ގައުމަށް އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނުކުޅެވޭނެ އެވެ.

މި މެޗުގެ ކުރިން ނައިޖީރިއާ ކުޅުންތެރިން މައްސަލަ ޖެއްސީ އެ ގައުމު 2019 ވަނަ އަހަރުގެ އެފްރިކާ ކަޕަށް ކޮލިފައިވުމުންނާއި އެންމެ ފަހުގެ ވޯލްޑް ކަޕް ބޯނަސް ނުދޭތީ އެވެ.
ނައިޖީރިއާ ކުޅުންތެރިން ހަޅުތާލުކޮށްފައިވާއިރު އަންނަ މަހު އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތް ވެސް އެބައޮތެވެ.

އެފްރިކާއިން ވޯލްޑް ކަޕުގެ ފަހު ޖާގަ ލިބޭނެ ގައުމެއް ކަނޑައަޅުމަށްޓަކައި އިންޓަ ކޮންޓިނެޓްޓަލްގެ ފަހު ބުރުގައި ވާދަކުރާނެ ގައުމެއް ހޮވަން ކުޅޭ ޕްލޭއޯފް މެޗުތަކުގައި ވާދަކުރާނީ ހަތަރު ގައުމެކެވެ. އެއީ ނައިޖީރި އާއި ކެމަރޫން އަދި ކޮންގޯ އާއި ގެބޯން އެވެ. މީގެ ތެރެއިން ނައިޖީރިއާ އާއި ކެމަރޫނަކީ މީގެ ކުރިން ވެސް ވޯލްޑް ކަޕުގައި ވާދަކޮށްފައިވާ އެފްރިކާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ގައުމުތަކުގެ ތެރެއިން ދެ ގައުމެވެ. ޕްލޭއޯފްގައި ނައިޖީރިއާ އާއި ގެބޯން ވާދަކުރާއިރު ކެމަރޫން ވާދަކުރާނީ ކޮންގޯއާ އެވެ. މި ދެ މެޗު ވެސް ކުޅޭނީ މިއަދު އެވެ. މި ދެ މެޗުން މޮޅުވާ ދެ ޓީމު ޕްލޭއޯފްގެ ފައިނަލް މެޗުގައި ވާދަކުރާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ފައިނަލް މެޗުން މޮޅުވާ ޓީމަކަށް ވޯލްޑް ކަޕުން ޖާގަ ލިބޭނީ އިންޓަކޮންޓިނެންޓަލް ޕްލޭއޯފްގައި ވާދަކުރަން ޖެހޭ މެޗުން މޮޅުވެގެންނެވެ.