ޚަބަރު

200 ދޯނީގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރަން ފުރުސަތު ހުޅުވާލައިފި


  • މި ސްކީމުގެ ދަށުން ދޫކުރާ ފައިސާގެ %35 އަކީ، ހިލޭ އެހީ

  • މި ސްކީމުގެ ދަށުން 2 މިލިޔަނާއި ހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެ

މަސްދޯނިތަކުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް މާލީ އެހީތެރިކަން ދޭ ސްކީމުގެ 3 ވަނަ ފިޔަވަހީގެ ދަށުން އެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލްއިން ހުޅުވާލައިފިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ، މިފިޔަވަހީގެ ދަށުން 200 މަސް ދޯންޏަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މަސް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމުގެ 3 ވަނަ ފިޔަވަހި ކުރިއަށް ގެންދަނީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި، ދަ ލައިވްސް އެންޑް ލައިވްލި ހުޑްސް ފަންޑް (އެލް.އެލް.އެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެންނެވެ.

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ކުރިޔަށްގެންދާ މިސްކީމަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރިއަށް ގެންދާ ސްކީމެކެވެ.

މިފަހަރުގެ ފައިނޭންސިންގ ސްކީމް ފަރުމާކޮށްފައިވަނީ، މަޝްރޫޢު ފައިނޭންސިންގގެ ގޮތުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން އިންސްޓޯލްމަންޓް ސޭލް ފައިނޭންސިންގއާއި، ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އިން ދޭ ހިލޭ އެހީ ހިމެނޭ ހެންނެވެ. އެހެންކަމުން ފައިނޭންސިންގ ލިބި، ދޯނިތަކުގައި އާރް.އެސް.ޑަބްލިއު ސިސްޓަމް ހަރުކުރުމުން، ގަތުމުގެ އަގުގެ 35 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ކަނޑައަޅައި އަނބުރާ ދައްކަންޖެހޭ އަދަދުން މި އަދަދު އުނިކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ، މިހާރު މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ޤާއިމްކުރާ ވަސީލަތްތައް ޒަމާނީ ކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ.

އިސްލާމީ ޝަރީޢާގެ މިންގަނޑުތަކާއި އެއްގޮތަށް ފަރުމާކޮށްފައިވާ މި ސްކީމުގެ ތެރެއިން މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް އިސްކަން ދޭނެއެވެ. އެގޮތުން ލޮނު ފެނުން މަސް ފިނިކުރާ ނިޒާމާއި، ސޯލާ ޕެނަލް އަދި ޖަނަރޭޓަރު ސެޓަށް ލުއިފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކީމާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްއިން

  • 2,000,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ފޯރުކޮށްދޭނެ
  • ފައިނޭންސިން ހަމަޖެހޭ ފަރާތްތަކަށް ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް ލިބޭނެ
  • މި ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވަގެން 10 އަހަރު ލިބޭނެ
  • ފައިދާ ހިސާބުކުރާނީ، އަހަރަކަށް 6 އިންސައްތަ ރޭޓެއްގައި
  • ސްކީމަށް ކުރިމަތިލުމަށް ރަހުނެއް ބޭނުމެއްނުވޭ


މި ސްކީމާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ގިނަ އޮޑިދޯނިފަހަރުގައި މި ނިޒާމު ޤާއިމްކުރެވެމުންދާކަމީ ނުހަނު އުފާކުރާ ކަމެއް ކަމަށާއި، މިއީ މަސްވެރިންނާއި އޮޑިވެރިންނަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. މީގެ ސަބަބުން އައިސް ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދީ، އައިސް ހޯދުމަށް ހިނގަމުން ދިޔަ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.

އެލް.އެލް.އެފްއާއި އައި.އެސް.ޑީ.ބީގެ އެހީތެރިކަމާއެކު ހިންގާ މިސްކީމުގެ ދަށުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިން އުފައްދޭ ކަރަންޓު ބޭނުންކުރުން އިތުރުކޮށް، މަސްވެރިކަން ކުރުމުގެ ތެރެއިން ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު މަދުކުރުމަށް އިސްކަންދީފައިވެއެވެ. މިސްކީމްގެ ތެރެއިން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިކަމަކީ، ފައިދާހުރި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ މަސައްކަތެއް ކަމުގައި ހެދޭނެއެވެ.

މަސްވެރިންނަށް އައިސް ހޯދުމުގައި ހުރި ދަތިތަށް ޙައްލުކުރުމަށް ކުރިއަށް ގެންދާ ފައިނޭންސިންގް ސްކީމުގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ ދަށުން، މިހާތަނަށް 35 ފަރާތަކަށް 44.99 މިލިއަން ރުފިޔާގެ ފައިނޭންސިންގ އެޕްރޫވްކޮށް، މިހާރުވެސް ދަނީ ފައިސާ ދޫކުރަމުންނެވެ.