ޚަބަރު

ފަލަސްޠީނުގެ މިނިވަން ދުވަސް: ރައީސް ދެއްވީ ފަލަސްޠީނާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން


  • ފަލަސްޠީނުގެ ދައުލަތަށް ފުރިހަމަ މިނިވަންކަމާއި ލިބިދިނުމަށް ރާއްޖެއިން އަބަދުވެސް ވަކަލާތުކުރާނެ

  • ފަލަސްޠީނުގެ ރައީސަށާއި އެ ޤައުމުގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ދެންނެވި

ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހިން އަބަދުވެސް ދެމިތިބޭނެކަމަށާއި އެ ޤައުމަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް ގޮވާލާ ގޮވާލުމުގައި ދިވެހިން ސާބިތުވެތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފަލަސްޠީންގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ފަލަސްޠީންގެ މިނިވަން ދުވަހުގެ މުނާސަބާގައި ޙިއްސާކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފަލަސްޠީންގެ ދައުލަތަށް ފުރިހަމަ މިނިވަންކަމާއި ސިޔާދަތީ ބާރު ލިބިދިނުމަށް ރާއްޖެއިން އަބަދުވެސް ވަކަލާތުކުރާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އަބަދުވެސް ދެމިތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިގެން ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ކުޑަވެސް ފަސް ޖެހުމެއް އޮވެގެން ނުވާނެކަމަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލާ ކަމަށެވެ.

ރައީސް ވިދާޅުވީ ފަލަސްޠީންގެ ރައީސް ޑރ. މަޙްމޫދު ޢައްބާސަށާއި ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާއަށާއި ރައްޔިތުންނަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި ފަލަސްޠީންގެ މުސްލިމް އަޚުންނާއި އުޚްތުންނާއި ސާބިތުކަން ދެއްވުން އެދި ރައީސް ދުޢާ ދެންނެވިއެވެ.

ފަަލަސްޠީނުގެ މިނިވަން ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރި ދުވަހާ ގުޅުވައިގެންނެވެ. ނަމަވެސް މި ތާރީޚުގެ ފަހުން ފަލަސްޠީނުގެ ބިންތަކުގައި ޤާއިމުވެގެންތިބި ޔަހޫދީންދަނީ ފަލަސްޠީންގެ ބިންތަކަށް އެކި ވަރުގެ ޙަމަލާތައް ދީ، އެ ޤައުމުގެ ބިންތައް ހިފައި، ފަލަސްޠީންގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމުތައް ހިންގަމުންނެވެ.

ފަހުގެ ތާރީޚެއްގައި ޔަހޫދީން އެންމެ ބޮޑު ޖަރީމާއެއް ހިންގަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު ފެށި ހަމަލާތަކުގައި މިހާތަނަށް އައިރު، 65,000އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 158,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.