ޚަބަރު

މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުޙައްމަދު ފަލަސްޠީނު މެޗުގެ ސްވެނިއަރ ޓިކެޓް ބައްލަވައިގެންފި


  • އެފްއޭއެމުން ސްވެނިއަރ ޓިކެޓް ވިއްކަނީ ފަލަސްޠީނު ފުޓްބޯޅައަށް އެހީވުމަށް

  • ފަަސްޠީނު ޓީމު ރާއްޖޭގައި ކޭމްޕް ކުރާނީ މިމަހުުގެ 19 އާއި ހަމައަށް

ރާއްޖެ އާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗަށް މަޝްޙޫރު ވިޔަފާރިވެރިޔާ ޗަންޕާ މުޙައްމަދު މޫސާ ސްވެނިއަރ ޕްލެޓިނަމް ޓިކެޓް ބައްލަވައިގެންފިއެވެ.

މުހައްމަދު މުސާ އާއި މި ޓިކެޓް ހަވާލުކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤާއި ފަލަސްޠީނު 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޖުމާ ސުލައިމާނެވެ. ފަލަސްޠީނަށް އެހީވުމަށް ހިންގާ މި ޙަރާކާތުގައި މުޙައްމަދު މޫސާވެސް ބައިވެރިވަޑައިގެންނެވުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށާއި، އެކަމަށްޓަކައި އޭނާއަށް ޝުކުރު ދަންނަވާކަމަށް އެފްއޭއެމުން ބުނެއެވެ.

ފަލަސްޠީނާއި ރާއްޖެއާ ދެމެދު ކުޅޭ އެކުވެރިކަމުގެ މެޗުތަކަކީ ފަލަސްޠީނު ޓީމު ރާއްޖޭގައި ކުރިޔަށް ގެންދާ ކޭމްޕްގެ ތެރެއިން ކުރިޔަށް ގެންދާ ދެ މެޗެވެ. މި ދެމެޗަށް އެފްއޭއެމުން 500 ސްވެނިއަރ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރަން ނިިންމައިފައިވަނީ އިސްރޭލުން ހިންގި ލާއިންސާނީ އުދުވާނާއި ގުޅިގެން ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވައި އާލާކުރުމަށް ފަލަޞްޠީނުގެފުޓުބޯޅަ އެސޯސިއޭޝަނުން ކުރާ މަސައްކަތަށެވެ.

ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ފުރުސަތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް ސަރުކާރާއި އެފްއޭއެމުންވެސް އެދިފައިވެއެވެ. މިރޭ ކުޅޭ ދެވަނަ މެޗުގެ ޓިކެޓް ގަތުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެފްއޭއެމުން ބުނީ އަމާޒަކީ ޖުމްލަ 500 ޓިކެޓް އެއްކޮށް ވިއްކާ ހުސްކޮށްލުން ކަމަށެވެ.

ވައިބަރ އާއި ވަޓްސްއެޕް މެދުވެރިކޮށްވެސް ޓިކެޓް ގަނެވޭނެ ފަސޭހަ އިންތިޒާމެއް އެފްއޭއެމުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ސްވެނިއަރ ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން އެފްއޭއެމްގެ މޯބައިލް ނަމްބަރު 7507006 އަށް ވައިބަރ ނުވަތަ ވަޓްސްއެޕުން މެސެޖުކޮށްގެންވެސް ޓިކެޓް ގަނެވޭނެއެވެ.

ޓިކެޓް ވިއްކާ އަގަކީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާއަށް، އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ދެވަނަ މެޗަށްވެސް ޖުމްލަ 50 ސްވެނިއަރ ޕްލެޓިނަމް ޓިކެޓާއި 200 ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކާނެއެވެ. ސްވެނިއަރ ޕްލެޓިނަމް ޓިކެޓަކީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެކެވެ. ސްވެނިއަރ ގޯލްޑް ޓިކެޓަކީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.

މި ކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ވަނީ ސްވެނިއަރ ޓިކެޓް ބައްލަވައިގެންފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުންވެސް މިކަމަށް ބޮޑު ތަރުހީބެއް ދެއްވައިފައިވެއެވެ.

ރާއްޖެ އާއި ފަލަސްޠީނުގެ އެކުވެރިކަމުގެ ދެވަނަ މެޗު އޮންނާނީ މިރޭ 20:30 ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ 6-0 ގެ ބޮޑު ތަފާތަކުން ފަލަސްޠީނުންނެވެ. މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފަލަސްޠީނުގެ ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވާއިރު އެ ޓީމު ތައްޔާރުވަމުން އަންނަނީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ.