ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފިރިހެން ހޭންޑް ބޯޅަ ޓީމު ޔޫއޭއީ އާއި ދެކޮޅަށް ކުޅުނު މެޗުގައި އުންމީދުކުރި ވަރަށް ނުކުޅެވުނު ކަމަށާއި، އެހެންނަމަވެސް އާދިއްތަ ދުވަހުގެ މެޗުގައި އެއަށްވުރެ ރަނގަޅަށް ޕާފޯމް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ގައުމީ ފިރިހެން ހޭންޑް ބޯޅަ ޓީމުގެ ކޯޗު ޙަސަން ފަހީމް ބުނެފިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މީޑިއާއަށް ދިން އިންޓަވިއުއެއްގައި ފަހީމް ބުނީ ޔޫއޭއީއާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅު ފެނިގެންދިޔައީ "ޕްރެކްޓިސް އެއް ކަހަލަ ގޮތަކަށް" ކަމަށެވެ. އަދި ރާއްޖެއަށް މެޗު ފެށުނީ ތަންކޮޅެއް ދަށްކޮށް މާ މަޑުމަޑުން ކަމަށް ކޯޗު ފާހަގަކުރިއެވެ.
"ތަންކޮޅެއް މަޑުމަޑުން އަޅުގަނޑުމެންނަށް ފެށުނީމަ ފުރަތަމަ ހާފުގައި މެނޭޖު ނުކުރެވިގެން ދިޔައީ. ހާއްސަކޮށް އެމީހުންގެ އެގްރެސިވްނެސް ވަރަށް ހައި. ދެން އަޅުގަނޑުމެންނަށް މިލެވެލްގެ ޓީމަކާއި އެއްކޮށް ޕްރެކްޓިސްގައި މިވީ މުއްދަތުގެތެރޭގައިވެސް މެޗެއްވެސް ކުޅެލެވިފައެއް ނެތް މި އެގްރެސިވްނެސްއާއި އެކީގައި މި ލެވެލްގެ ޓީމަކާއެކު" ފަހީމް ބުންޏެވެ.
ފަހީމް ބުނީ އެ މެޗު ދިޔައީ އެންމެ އުންމީދުކުރި ގޮތަށް ނޫން ކަމަށާއި، އެ މެޗާއިމެދު އެހާ ހިތްހަމަނުޖެހޭ ކަމަށެވެ. ޔޫއޭއީއަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، ރާއްޖޭގެ ކުޅުންތެރިންނާއި ބަލާއިރު ޔޫއޭއީގެ ކުޅުންތެރިން ބިޔަ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. އެލެވެލްގެ އެގްރެސިވްނެސް މަތި ޓީމަކާއެކު ރާއްޖެއިން މީގެ ކުރިން މެޗެއް ކުޅެފައި ނެތުމުންނާއި، ރާއްޖެއަށް މެޗު ފަށައިގަނެވުނުލެއް ދަށްވުމުގެ ސަބަބުން ކުރިޔަށްދާން އުނދަގޫވި ކަމަށް ފަހީމް ފާހަގަކުރިއެވެ.
ރާއްޖޭގެ ކުޅުންތެރިންގެ ކުޅުން ފުރަތަމަ ހާފުގައި ދަށްކޮށް ދިޔަނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރިއެވެ. ފަހީމު ބުނީ ޔޫއޭއީއަކީ އެ ސަރަހައްދުގެ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އެކަހަލަ ވަރުގަދަ ޓީމަކާއެކު ޕްރެކްޓިސް މެޗެއްގެ ތަޖުރިބާވެސް ނެތުމުން ރާއްޖެއަށް އުނދަގޫވިއިރު ޔޫއޭއީން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ޑިފެންސެކެވެ. މިމެޗު ޔޫއޭއީން ކާމިޔާބުކޮށްފައިވަނީ 10–53 އިންނެވެ.
މިމުބާރާތުގައި ރާއްޖޭގެ ފިރިހެން ހޭންޑް ބޯޅަ ޓީމުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ. އާދިއްތަ ދުވަހު ރާއްޖެ ގަޑިން މެންދުރު 2 ޖަހާއިރު ރާއްޖެ ނިކުންނާނީ އިރާން އާއި ދެކޮޅަށެވެ. ފިރިހެން ޓީމް ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕްގައި ހިމެނެނީ ގަތަރު، އިރާން، ޔޫއޭއީ އަދި ދިވެހިރާއްޖެއެވެ. ވޯލްޑް ރޭކިންގައި ގަތަރު އޮތީ 19 ވަނައިގައެވެ. އިރާން 50 ވަނައިގައި އޮތްއިރު، ޔޫއޭއީ އޮތީ 57 ވަނައިގައެވެ.