ލުބްނާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ޔަހޫދީން ފާރެއް ރާނާފައިވަނީ، ލުބްނާންގެ ސަރަޙައްދުގެ ތެރެއަށް ވަންނަ ގޮތަށް ކަމަށް އދއިން ބުނެފިއެވެ.
ލުބްނާނާއި ޒަޔަނިސްޓު ދަޢުލަތް ވަކިކުރަން އދއިން އިސްވެ ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގަކީ ' ބްލޫ ލައިން'ގެ ނަން ދީފައިވާ ރޮނގެކެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އިސް ތަރުޖަމާނު ސްޓެފަނީ ދުޖާރިކް ވިދާޅުވީ، އެ ސަރަޙައްދުގައި ޔަހޫދީން ރާނާފައިވާ ފާރު ލުބްނާންގެ 4،000 އަކަ މީޓަރަށް ވުރެ ބޮޑު ސަރަޙައްދަކަށް ވަދެފައިވާ ކަމަށާއި، އެ ފާރުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ލުބްނާންގެ ރައްޔިތުންނަށް އެ ސަރަޙައްދަށް ވަދެ ނުކުތުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށެވެ.
އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އދ.ގެ ސުލްޙަ ބަލަހައްޓާ ފައުޖުން ދީފައިވާ މަޢުލޫމާތާ ޙަވާލާ ދެއްވައި އޭނާ ވިދާޅުވީ، އެ ފާރު ލުބްނާންގެ ސަރަޙައްދުގެ ތެރެއަށް އިތުރަށް ވަންނަ ގޮތަށް ފުޅާކުރުމުގެ މަސައްކަތް ވެސް ޔަހޫދީން ކުރަމުންދާ ކަމަށެވެ.
އެއީ ލުބްނާންގެ މިނިވަންކަމާއި އިސްތިޤުލާލަށް ހުރަސްއެޅޭ ކަމަކަށްވާތީ، ލުބްނާންގެ ސަރަޙައްދުގެ ތެރެއަށް ވަދެފައިވާ ފާރުގެ ބައި ތަޅާލަން، ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އަސްކަރިއްޔާއަށް އަންގާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ޢުދުވާނާ ގުޅިގެން ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ އޭގެ އެއް ދުވަސް ފަހުންނެވެ. ޙިޒްބުاللهގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.
އެއަށް ފަހު، 2024 ސެޕްޓެންބަރު 30ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ބައިރޫތަށެވެ.
ހުސްވި އަހަރުގެ ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވީ ނަމަވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އަދި، ދޭތެރެދޭތެރެއިން ލުބްނާންގެ ރަށްތަކާއި ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ.