ޚަބަރު

"ސިހުރުވެރިންގެ ބަސް ޤަބޫލުކުރުން ވަނީ ނަހީކުރައްވައިފައި"


  • މިއަދުގެ ހުކުރު ޚުޠުބާގެ މައުޞޫއަކީ "ސިހުރުހާހޫރައިގެ ނުބައިކަން"

ބައްޔެއްވެގެން ނަމަވެސް ސިހުރުވެރިޔަކާއި ސުވާލުކުރުމާއި އެ މީހުންގެ ބަސް ޤަބޫލުކުރުން ނަހީކުރައްވައިފައިވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުޞޫއަކީ "ސިހުރުހާހޫރައިގެ ނުބައިކަން" އެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ސިހުރުހާހޫރައަކީ ސިހުރުވެރިޔާ ފުމޭ ފުމުންތަކަކާއި، ކިޔަވާ ކިޔެވުންތަކަކާއި ހަދާ މަންތަރުތަކަކާއި ޖަހާ އަކަތަކަކާއި ގޮށްތަކެއް ކަމަށެވެ. އަދި އެ ނޫން ގޮތަކުން ވެސް ސިހުރުހެދޭ މީހާގެ ގައިގައި ބީހުމަކާ ނުލައި، އޭނާގެ ހަށިގަނޑަށް ނުވަތަ ވިސްނުމަށް ނުވަތަ ހިތަށް އެ ކަމަކުން އަސަރުކުރުވާ ކަންކަން ކަމަށެވެ. ސިހުރަކީ ކީރިތި ޤުރްއާނާއި ސުންނަތުން އޭގައި ޙަޤީޤަތެއްވާކަން އެނގޭ ކަމެކެވެ.

ޚުޠުބާގައި ވިދާޅުވީ ސިހުރުހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމަށެވެ. އަދި އެއީ ޝިރުކުގެ ޢަމަލެއް ކަމަށެވެ. ސިހުރުވެރިޔާ، ކޮންމެ ކަމެއްގައިމެ ޝައިޠާނާއަށް ކިޔަމަންވުމަށް އޭނާއާ އެކު ޢަހުދު ކަށަވަރު ހިފައިފުމަށް ދާންދެން ސިހުރުވެރިއަކަށް ނުވެވޭނެ ކަމަށާއި ޖުނުބުވެރިކަމުން ހިނައިނުގަނެ ދިގު މުއްދަތަކަށް ހުރުމަށާއި، ފަޅު ތަންތަނަށް ނުވަތަ ކުނިބުންޏާއި ނަޖިސް ތަންތަނަށް ގޮސް، އެ ތަންތަނުގައި ގިނަ ވަގުތު ހޭދަކުރުމަށް ޝައިޠާނާ އޭނާއަށް އަމުރުކުރާ ކަމަށެވެ. އަދި ކީރިތި ޤުރްއާނަށް އިހާނެތިކޮށްހިތުމަށާއި، ވުޟޫއާ ނުލައި ނަމާދުކުރުމަށް އަމުރުކުރާކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

"ޖިންނި ޝައިޠާނުންގެ ނަމުގައި ކަތިލައި، ޖިންނި ޝައިޠާނުންގެ އެހީއަށް އެދި، އެ ނޫން ވެސް ބޮޑެތި ފާފަތަކަށް އަރައިގަނެ، އިސްލާމް ދީނުން ބޭރުވެގެން މެނުވީ ސިހުރުވެރިޔާއަށް އޭނާގެ ސިހުރު ފުރިހަމައެއް ނުކުރެވޭ. މި ސަބަބަށް ޓަކައި، ސިހުރުވެރިޔާގެ ކާފިރުކަމާއި، ނުބައިކަން ބޮޑުވެ، މާތް ﷲއާއި އެކަލާނގެ ރަސޫލާއަށާއި މުއުމިން އަޅުންނަށް ހުރި ޢަދާވާތްތެރިކަން ބޮޑުވިވަރަކަށް، އޭނާގެ ސިހުރު ބާރުގަދަވެފައި މާ އަވަހަށް އަސަރުކުރޭ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ސިހުރު ނުހެދި ނަމަވެސް އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެކެވެ. ޚުޠުބާގައި ވިދާޅުވީ ސިހުރުވެރިޔާގެ ފާފައިގެ ބޮޑުކަމާއި ފަސާދައިގެ ބޮޑުކަމުން އޭނާ ޤަތުލުކުރުމަށް ޞަޙާބީންނާއި ތާބިޢީ ބޭކަލުންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުންގެ އަރިހުން ސާބިތުވާކަމުގައި އިބުނު ޤުދާމާ އެކަލޭގެފާނުގެ "އަލްމުޣްނީ"އޭ ކިޔުނު ފޮތުގައި ބަޔާންކުރައްވައިފައިވޭ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިޔެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމާއި ސުވާލުކުރުމާއި އެ މީހުންގެ ބަސް ޤަބޫލުކުރުން ވެސް ނަހީކުރައްވައިފައިވާ ކަމަށެވެ.

"ސިހުރުވެރިޔާ ކޮންމެ ސިހުރެއްހެދި ނަމަވެސް މާތް ﷲ ތިބާއަށް ލިޔުއްވައިފައިވާ ކަމެއް މެނުވީ ނުޖެހޭނޭކަން ޔަޤީންކަމާ އެކު ހިތުގެ އަޑީން ޤަބޫލުކުރާން ޖެހޭ. ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކުއްޖެއްގެ ނަތީޖާ ދަށްވުމުން ނުވަތަ މީހެއްގެ ކައިވެނި ލަސްވުމުގެ ސަބަބަކީ ސިހުރުގެ ސަބަބުން މެދުވެރިވާ ކަމެއްކަމުގައި ޤަބޫލުކުރުމަކީ މުސްލިމުން ކޮށްގެންވާނޭ ކަމެއް ނޫން." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ މުސްލިމުންގެ ޢަޤީދާއަކީ ކޮންމެ ނިޢުމަތަކާއި ކޮންމެ މުޞީބާތެއް ޖެހެނީ މާތް ﷲގެ މިންވަރުފުޅުންކަން ގަބޫލުކުރުން ކަމަށެވެ. އަދި ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމާއި، ގޭތެރޭގައި ކީރިތި ޤުރްއާން (ޚާއްޞަކޮށް ސޫރަތުލްބަޤަރާ) ކިޔެވުން ގިނަކުރުމަކީ ޝައިޠާނާގެ މަގުތައް ބަންދުވެ، ހިތުގައިވާ ވަހުމުތައް ފިލައިދާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ބަލިމަޑުކަމެއް ދިމާވާ އިރު ފުރަތަމަ ވެސް މާތް ﷲގެ މަތީން ހަނދުމަކޮށް، އެކަލާނގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދުމަކީ މުއުމިނުންގެ ސިފައެކެވެ. ފަރުވާއެއް ހޯދާ ނަމަ، އަހަރެމެން ދާންވީ ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ ޞައްޙަ މަގަށް ކަމަށާއި ޝަރުޢީ ރުޤުޔާއަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ އަރިހުން ސާބިތުވެފައިވާ ދުޢާތަކާއި ޒިކުރުތައް ބޭނުންކޮށްގެން ކުރެވޭ ފަރުވާއެއް ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ޞައްޙަ ގޮތުގައި ރުޤްޔާކުރާ މީހާ، މައިންބަފައިންގެ ނަމެއް ނާހާނެ ކަމަށާއި ގޮތްނޭނގޭ ފޮތިގަނޑުތަކާއި، ތަވީދުތަކާއި، ކަރުދާސްކޮޅުތައް ގެންގުޅޭކަށް ނުބުނާނެ ކަމަށެވެ. އަދި މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ކަތިލުމަކަށް ނުވަތަ ދީނުގެ އަދަބާ ޚިލާފު އެއްވެސް ކަމެއް ކުރުމަކަށް ނޭދޭނެކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.