އދ. މަންދޫގައި ފުޓްސަލް ކުޅޭނެ ދަނޑެއް ނެތްތާ ގާތްގަނޑަކަށް 10 އަހަރަށްވުރެ ގިނަދުވަސް ވެއްޖެ ކަމަށާއި އެރަށުގައި ފުޓްސަލް ދަނޑެއް ހުޅުވުން މިއީ ވަރަށް ދުވަސްވީ އުންމީދެއް ކަމަށް އެ ދަނޑުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި މަންދޫ ޒުވާނުން ބުނެފިއެވެ.
ގާތްގަނޑަކަށް މަހެއްހާ ދުވަހުން އެމްޓީސީސީއާއި ހަވާލުކުރައްވައިގެން ސަރުކާރުން ތަރައްޤީކޮށްދެއްވި ފުޓްސަލު ދަނޑު ހުޅުވާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުން ވަޑައިގެންނެވުމަކީ އެރަށުގެ ރައްޔިތުން އުންމީދުވެސް ކުރިކަމެއް ނޫންކަމަށްވެސް އެރަށުގެ ޒުވާނުންގެ ފަރާތުން ވާހަކަދެއްކި އަރީފު ބުންޏެވެ. އޭނާ ބުނީ ޒުވާނުންގެ އެދުމަށް ރައީސް ދެއްވި މިއިޖާބައަކީ މުޅި މަންދޫއަށްވެސް ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެން ރައީސްއަށް ރިކުއެސްޓްކޮށްލިން ނޮވެމްބަރުމަހުގެ ނިޔަލަށް ދަނޑު ނިންމައިދިނުމަށް. އެކަމަކު އަޅުގަނޑުމެން އެދުނު މުއްދަތަށްވުރެ މާއަވަހަށް ރައީސް ދަނޑު ނިންމަވައިދެއްވާ އަޅުގަނޑުމެން ޒުވާނުން އެދުނު ދައުވަތު ގަބޫލުކުރައްވާ އަޅުގަނޑުމެންނާއެކު ކުޅެން ވަޑައިގަތުން މީ އަސްލު ވަރަށް ބޮޑު އުފަލެއް. މީ އަޅުގަނޑުމެން އަސްލު އުންމީދުވެސް ނުކުރާވަރުގެ ކަމެއް." އަރީފު ބުންޏެވެ.
މަންދޫއާއި މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބެހެއްޓެވި ގާތްކަމަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ކަމެއް ނޫން ކަމަށާއި، އެކަމަށްޓަކައި މަންދޫ ޒުވާނުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށް އަރީފް ބުންޏެވެ.
މަންދޫ ފުޓްސަލް ދަނޑާއި ޖެހިގެން އޮތް ފުޓުބޯޅަ ދަނޑުގެ މަސައްކަތް 210 ދުވަހުގެތެރޭގައި ނިންމަން ހަވާލުކޮށްފައިވާއިރު އަރީފު ބުނީ މިކަންކަމުން ފެނިގެންދަނީ ރައީސް ދައްކަވާ ވާހަކަފުޅާއި އެއްގޮތަށް އަމަލުކުރައްވާ މަންޒަރުކަމަށެވެ. އަދި މަންދޫ ކަހަލަ ކުޑަ ރަށެއްނަމަވެސް ރައީސް ބެހެއްޓެވި ގާތްކަމަށް ޝުކުރު ދަންނަވާނެ ގޮތެއްވެސް ނޭންގޭ ކަމަށް އޭނާ ބުންޏެވެ.