ޚަބަރު

ބިލީ ޖީން ކިންގް ކަޕް އޭޝިއާ/އޯޝޭނިއާ ގްރޫޕް 3 ގެ ދެވަނަ ރާއްޖެއަށް


  • ބިލީޖީން ކިންގްކަޕްގެ ފައިނަލުުން ރާއްޖެ ބަލިވީ 1-2 ގޭމުން

  • މުބާރާތުގެ ދެވަނަ ލިބުމަކީ ރާއްޖޭގެ ޓެނިހަށް ލިބުނު ބޮޑު ކާމިޔާބީއެއް

ބިލީ ޖީން ކިންގް ކަޕް އޭޝިއާ /އޯޝޭނިއާ ގުރޫޕް3 ގެ ޒޯން ބީގެ 2 ވަނަ ރާއްޖޭގެ ޓެނިސް ޓީމުން ހޯދައިފިއެވެ.

ފައިނަލްގައި ރާއްޖޭން ނިކުތީ ލާއޯސްއާއި ދެކޮޅަށެވެ. ލާއޯސް އަތުން ރާއްޖެ ބަލިވީ 1-2 ޢިންނެވެ. ވިއެޓްނާމުގެ ނޯވާ ވޯލްޑް ޓެނިސް ގާޑަންގައި އޮތް މި މުބާރާތުގެ ފައިނަލްގައި ކުޅުނު ފުރަތަމަ ސިންގަލްސް މެޗު ރާއްޖޭގެ ނަބާ ނިޝާން ވަނީ ކާމިޔާބުކޮށްފައެވެ. ސިއާނާ މެކްޑޮނަލްޑް އާއި ވާދަކޮށް އެ މެޗު ނަބާ ކާމިޔާބުކުރީ 2-6، 7-6 އަދި 7-6 ގެ ނަތީޖާއަކުންނެވެ.

އެހެންނަމަވެސް ސިންގަލްސްގެ ދެވަނަ މެޗުގައި ރާއްޖޭގެ އާރާ އާސަލް އާޒިމް ވަނީ ލާއޯސްގެ މަލޭލެކް ދެލިދަ ޕަތުމަކުރޮނެން އަތުން ބަލިވެފައެވެ. ލާއޯސްގެ ކުޅުންތެރިޔާ އެ މެޗުގެ ސެޓުތައް ގެންދިޔައީ 6-2 އަދި 6-3 ންނެވެ. ނަތިޖާ ނެރެން ކުޅުނު ޑަބަލްސް މެޗުގައި ރާއްޖޭން ވާދަކުރީ ނަބާ އާއި އާރާގެ ޕެއަރއެވެ. މި މެޗުގައި ލާއޯސްގެ ސިއާނާ މެކްޑޮނަލްޑް އާއި މަލޭލެކް ދެލިދަ ޕަތުމަކުރޮނެން އަތުން އާރާ އާއި ނަބާގެ ޕެއަރ ބަލިވީ 0-6، އަދި 3-6 ގެ ނަތީޖާއަކުންނެވެ.

ރާއްޖޭން ބިލީ ޖީން ކިންގްކަޕުގެ ފައިނަލާއި ހަމައަށް ދަތުރުކުރުމަކީ ރާއްޖޭގެ ޓެނިސް ޓީމުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ. ގުރޫޕްގެ އެއްވަނަ ހޯދާ ގްރޫޕް 2 އަށް ކޮލިފައިވުމުގެ އަޒުމުގައި ވިއެޓްނާމަށް ދިޔަ ޤައުމީ އަންހެން ޓެނިސް ޓީމުން ވަނީ މުޅި މުބާރާތުގައި ވަރަށް ވަރުގަދަ ރޫހެއްގައި ވާދަކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ފައިނަލާ ހަމައަށް މި ކުޅުންތެރިންނަށް ދެވުމަކީ ތާރީޚީ ކާމިޔާބީއެއް ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފައެވެ.

ޓެނިސް އަންހެން ވޯލްޑް ކަޕް ކަމުގައި ބަލާ ބިލީ ޖީން ކިންގް ކަޕްގައި ރާއްޖެއިން ވާދަކުރީ ނަބާ އާއި އާރާގެ އިތުރުން ނަޔާރާ އުސާމާ ޢަލީ އާއި ޢާއިޝަތު ކަރިން ސައިޒާންއެވެ. ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިނަތު އިރުފާ މާހިރެވެ. ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ ޤައުމީ ޓެނިސް ޓީމުގެ ކޯޗު އީރާނުގެ ޢަލީ ރިޒާއެވެ.