ޚަބަރު

ބަޖެޓާ އެއްގޮތަށް ޚަރަދުތައް ކުރޭތޯ މަޖިލީހުން ކަށަވަރު ކުރާނެ: މެމްބަރު އަޒާން


  • ގިނަ މެންބަރުން ވަނީ ބަޖެޓަށް ތާއީދު ކުރާކަން ހާމަކޮށްފައި

  • ބަޖެޓުގެ އަމާޒުތައް ހާސިލްވާނެ ކަމަށް މެންބަރުން ވަނީ ވިދާޅުވެފައި

އަންނަ އަހަރު ދައުލަތުގެ ބަޖެޓާ އެއްގޮތަށް ޚަރަދުކުރާތޯ ފާރަވެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިހާރު މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސްގެ ތެރެއިން ސަރުކާރަށް ތަޢީދުކުރާ މެންބަރުން ވަނީ މިއަހަރު ހުށަހަޅާފައިވާ ބަޖެޓަށް ތާޢީދުކޮށް ވާހަކަ ދައްކަވާފައެވެ. ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން ވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ޖުމްލަ ގޮތެއްގައި ރަނގަޅު ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރާއިރު، އޭގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް ދުރާލާ ސަރުކާރުން ތައްޔާރުވާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ބަޖެޓުގައި މިއަންނަ އަހަރު ބޮޑު އަދަދެއް ދަރަނި ދެއްކުމަށް ހިމަނާފައިވާއިރު ދަރަނި ދެއްކޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަމަށް ވިދާޅުވިއެވެ. މިއާއެކު ދައުލަތުގެ ޚަރަދުތައް ބަޖެޓާއި އެއްގޮތަށް ހިނގާތޯ މަޖިލީހުން ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ފެންނަ ފެނުމުގައި ބަޖެޓުގެ އަމާޒު ހާސިލްކުރެވޭނެ. އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ ބަޖެޓުގެ އަމާޒަށް ވާސިލްވުމާއި ބަޖެޓާއި އެއްގޮތަށް ސަރުކާރުން ޚަރަދުކުރާތޯ ބެލުމަކީ މަޖިލީހުގެ މެންބަރުންނާއި ކޮމެޓީތަކުގެ ވަރަށް ބޮޑު ޒިންމާއެއް. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަޤީންކަން އަރުވަން. އަންނަ އަހަރު ބަޖެޓާއި އެއްގޮތަށް ޚަރަދުކުރާތޯ ފާރަވެރިވާނެކަމަށް." މެންބަރު އަޒާން ވިދާޅުވިއެވެ.

ބަޖެޓު ބަހުސްގައި، މެމްބަރުން ވިދާޅުވީ ރައީސް ރަށްރަށުގައި ވަޢުދުވެފައިވާ މަސައްކަތްތައް ބެޖެޓުގެ ތެރެއިން ފުރިހަމަވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. އަދި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ބަޖެޓުގެ ތެރެއިން ޚަރަދުކޮށް ނިންމުމަށް ބަޖެޓުގެ ތެރެއިން އިސްކަންދޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފަރުދީ ފެންވަރެއްގައި ރައްޔިތުންނަށް ފައިދާވާ ގިނަ ކަންކަން ބަޖެޓުގައި ހިމެނިފައިވާކަން މެންބަރުން ވަނީ ބަޖެޓު ބަހުސްގައި ފާހަގަކުރައްވާފައެވެ.

ބަޖެޓު ބަހުސްގެ ތެރެއިން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބަޖެޓުގައި ވަކި މަޝްރޫޢުތަކުގެ ތަފްސީލު ނެތުމުން، އެކަމަށް ފާޑުވިދާޅުވެފައެވެ. ވައިކަރަދޫ ދައިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ ބަޖެޓުގައި ތަފްސީލުތަކެއް ނެތް ނަމަވެސް ރަނގަޅު ކަންކަންވެސް ހުރިކަމަށެވެ. މިގޮތުން ތެލެސީމިއާ ބަލި ތަޙައްމަލު ކުރާ ކުދިންނަށް ދޭން ނިންމާފައިވާ އިނާޔަތް އޭނާ ވިދާޅުވިއެވެ.

މިކަމަށް އިޝާރާތް ކުރައްވާ ވާހަކަ ދެއްކެވި ބައެއް މެންބަރުންވަނީ މީގެ ކުރިން އަދަދުތައް ޖަހައިގެން މަސައްކަތް ކޮށްފައިވީނަމަވެސް އެކަށީގެންވާ ނަތީޖާއެއް އެ މަސައްކަތްތަކުން ނުނެރެވޭކަމަށް ވިދާޅުވެފައެވެ. އަދި މަޝްރޫޢުތަކުގެ އެއްވެސް މަންފާއެއް ނެތި ދަރަނިތައް ބޮޑުވިކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެއެވެ. މިވަގުތު މަޖިލީހުގެ ތަޅުމުގެ ބަޖެޓު ބަހުސް ކުރިއަށްދާއިރު ކޮމެޓީ މަރުހަލާގައި ބަޖެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ދެއެވެ. އަދި ކޮމެޓީ މަސައްކަތް މިމަހުގެ 19 އަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.