ޚަބަރު

އަންހެން ހޭންޑްބޯޅަ ޓީމަށް ކުރިޔަށް ދެވޭނީ ވަރުގަދަ ޓީމުތަކާއި ވާދަކޮށްގެން: ކޯޗު އަޒްހަމް


  • ކުރިޔަށް ދެވޭނީ މި ލެވެލްގައި ވާދަކޮށްގެން

  • ރާއްޖޭގެ ކުޅުންތެރިން ކުރާ ހިތްވަރަށް ސާބަސްދޭން ޖެހޭ

ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމަށް ކުރިޔަށް ދެވޭނީ ވަރުގަދަ ޓީމުތަކާއި ވާދަކޮށްގެން ކަމަށް ޓީމުގެ ކޯޗު ހުސެއިން އަޒްހަމް ބުނެފިއެވެ.

އަޒްހަމް ބުނީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިޔަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިން ކުޅެމުންދާ ވަރަކަށް ބިރު ކެނޑި ވަރަށް ބޮޑަށް ގޭމުތެރެއަށް ވަންނަމުންދާތަން ފެންނަ ކަމަށެވެ.

ވަރުގަދަ ތުރުކީއާއި ވާދަކުރި މެޗަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކޯޗު އަޒްހަމް ބުނީ މި ވަރުގެ ޓީމުތަކާއި ވާދަކޮށް ރަނގަޅު ފެންވަރެއްގެ ފައިޓެއް ދިނުން އެއީ މި ކުޅިވަރަށް އަންހެން ކުޅުންތެރިންގެ އޮތް ލޯބި ދައްކުވައިދޭ ކަމެއް ކަމަށެވެ.

ފުރަތަމަ މެޗަށްވުރެ ރާއްޖޭގެ އަންހެން ޓީމުގެ ކުޅުން ރަނގަޅުކަމަށް ފެނިގެންދިޔަ އިއްޔެގެ މެޗުގައި ތުރުކީގެ އިސްކޮޅުން ދިގު ވަރުގަދަ ކުޅުންތެރިންނާއި ދެކޮޅަށް ރާއްޖޭން ވަރަށް ހިތްވަރު ކުރިތަން ފެނިގެންދިޔައެވެ. އެހެންނަމަވެސް އެ މެޗުން ރާއްޖޭގެ މައްޗަށް ތުރުކީން ވަނީ 63–13 ން ކުރި ހޯދާފައެވެ.

ތުރުކީއަކީ ޔޫރަޕްގައި ކުޅޭ ޓީމެއް ކަމަށާއި، އެ ފެންވަރުގެ ޓީމަކާއި އަޅާކިޔާއިރު ކޮލިޓީގެ ގޮތުން ވަރަށް ބޮޑު ތަފާތެއް ހުންނާނެ ކަމަށް ކޯޗު ބުންޏެވެ. އެހެންކަމުން މިއީ ފެންވަރުގެ ތަފާތު ވަރަށް ބޮޑު ދެ ޓީމު ކަމަށްވެސް ފާހަގަކުރިއެވެ.

އަދި އީރާނަކީވެސް މީގެ ކުރިން މާ ވަރުގަދަ ޓީމެއް ނޫން، އެގޮތަށް ރާއްޖެއަށްވެސް ކުރިޔަށް އޮތްތަނުގައި ވަރުގަދަ ޓީމެއް އުފެއްދިދާނެ ކަމަށް އަޒްހަމް ފާހަގަކުރިއެވެ.

"މީގަ ހަގީގަތް ގަބޫލުކުރަން ޖެހޭނެ. މީގަ ރިއަލިޓީއަކީ އަޅުގަނޑުމެންނާއި އެމީހުންނާއި ކޮލިޓީގެ ގޮތުން ވަރަށް ބޮޑު ތަފާތެއް އެބަހުރި. އެހެންނަމަވެސް އަޅުގަނޑުމެން މިތަނުގެ ބައެއް އޮފިޝަލުންނާއި ވާހަކަ ދައްކާލުމުން އެމީހުން ވަރަށް ބޮޑަށް އުފާކުރޭ އަޅުގަނޑުމެން ކަހަލަ ގައުމެއް އައިސް މިވަރުގެ ބޮޑެތި ގައުމުތަކާއި މިހެން ވާދަކުރާތަން ފެނުމުން" އަޒްހަމް ބުންޏެވެ.

ރާއްޖޭގެ އަންހެން ޓީމު މި ލެވެލްގެ މޮޅެތި ޓީމުތަކާއި ވާދަކޮށް ތަޖުރިބާ ހޯދުމަކީ ކުރިޔަށްދާން މުހިންމު ކަމެއް ކަމަށްވެސް ކޯޗު ބުންޏެވެ. މިސާލެއްގެ ގޮތުން އީރާނަކީ މިހާރު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވަރަށް ރަނގަޅަށް ކުޅެމުން އަންނަ ޓީމެއް ކަމަށާއި، އެހެންނަމަވެސް މީގެ 10 ވަރަކަށް އަހަރު ކުރިން އީރާނުގެ އަންހެން ޓީމަކީ މާ ބޮޑަށް ކައުންޓް ކުރާ ޓީމެއް ކަމަށްވެސް އަޒްހަމް ފާހަގަކުރިއެވެ.

އެހެންކަމުން އޭގެންވެސް ދައްކައިދެނީ ރާއްޖެއަށް ކުރިޔަށް ދެވޭނީ މި ލެވެލްގައި ވާދަކޮށްގެންކަން ފާހަގަކުރާ ކަމަށް ކޯޗު ބުންޏެވެ. އަދި ރާއްޖޭގެ ކުޅުންތެރިން ކުރާ ހިތްވަރަށް ސާބަސްދޭ ކަމަށްވެސް ކޯޗު ބުންޏެވެ.