ޚަބަރު

ރައްކާތެރި ގޮތުގައި ކުނި ނައްތައިލާނެ ގޮތެއް ނެތި ޣައްޒާގައި ނުރައްކާތެރި ބަލިތައް ފެތުރެނީ


ރައްކާތެރި ގޮތުގައި ކުނި ނައްތައިލެވޭނެ ގޮތެއް ނެތި، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ނުރައްކާތެރި ބަލިތަކާއި ޞިއްޙީ މައްސަލަތަކާ ހަނގުރާމަ ކުރަން ޖެހިފައިވާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ އޮފިޝަލުންނާއި ޑޮކްޓަރުން ބުނެފިއެވެ. އދގެ ތަރައްޤީއާ ބެހޭ ޕުރޮގުރާމު (ޔޫއެންޑީޕީ)ގެ އިސް އޮފިޝަލެއް ކަމުގައިވާ އަލެސަންދްރޯ މްރާކިޗް ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނި ނައްތައިލެވޭނެ ގޮތެއް ނެތުމަކީ ޣައްޒާގެ ރައްޔިތުންގެ ޞިއްޙަތަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައެވެ.

"ކުނީގެ މައްސަލައިގެ ބޮޑު މިނަކީ ޣައްޒާއަށް ކުރިމަތިވެފައި އޮތް ބޮޑު މައްސަލައެއް،" މްރާކިޗް ވިދާޅުވިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޤަތުލުޢާންމެއް ފެށުމުގެ ކުރިން ވެސް ޣައްޒާގައި ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އެއިރު ވެސް ޣައްޒާގެ ގިނަ ކުނިގޮނޑުތައް ފުރިފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މި ދައްކަނީ ޣައްޒާގެ އެކި ކަންކޮޅުތަކުގައި ޓްރީޓް ނުކުރެވި ހުރި ދެ މިލިޔަނެއްހާ ޓަނުގެ ކުނީގެ ވާހަކަ،" މްރާކިޗް ވިދާޅުވިއެވެ. ރައްކާތެރި ގޮތުގައި ކުނި ނައްތައިލެވޭނެ ގޮތެއް ނެތުމާ އެކު ޣައްޒާއަށް ބޮޑެތި ތިމާވެށީގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މި ގޮތުން، ޣައްޒާގެ ފެން ފަށަލަ ތަޣައްޔަރުވެ، އެ ސަހަރުގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ ގޮތެއް ނެތް ކަމަށާއި، ތަޣައްޔަރުވެފައިވާ ފެން ބޭނުން ކުރަން މަޖުބޫރުވުމާ ގުޅިގެން ވެސް އެ ސަހަރުގެ ރައްޔިތުންނަށް ޞިއްޙީ މައްސަލަތައް ކުރިމަތިވަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި މަސައްކަތް ކުރާ ޑޮކްޓަރުން ވެސް ދަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޑޮކްޓަރުން ބުނީ، ކުނީގެ ސަބަބުން ނުރައްކާތެރި ބަލިތަކެއް ފެތުރުން ޢާންމުވެފައިވާ ކަމުގައެވެ. މި ގޮތުން، އެންމެ ޢާންމު އެއް ބައްޔަކީ ބޭރަށްހިންގުމާއި ގޭހުގެ މައްސަލަތައް ކަމަށާއި، މީގެ އިތުރުން ހަމުގެ ބަލިތައް ޢާންމުވަމުންދާ ކަން ޑޮކްޓަރުން ފާހަގަ ކުރިއެވެ. ޣައްޒާއިން މި ވަގުތު އެންމެ ގިނައިން ފެންނަ މައްސަލަތަކުގެ ތެރޭގައި ހަށިގަނޑުގައި ބިއްސާއި ފޮޅު ނެގުން، އަދި އުކުނު ފަދަ ސޫފީގެ ސަބަބުން ޖެހޭ ބަލިތައް ހިމެނޭ ކަން ޑޮކްޓަރުން ފާހަގަ ކުރިއެވެ.

"ހަމުގެ މައްސަލަތަކާއި ބަލިތައް އިތުރުވެފައި ވަނީ ގިނަ ބަޔަކު ފޭލިގެތަކުގައި ތޮއްޖެހިގެން ދިރިއުޅެން މަޖުބޫރުވުމުގެ ސަބަބުން، ގިނަ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ ކުނިގޮނޑުތައް ކައިރީގައި،" ޚާން ޔޫނިސްގައި މަސައްކަތް ކުރައްވާ ހަމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ކަމުގައިވާ ސާމީ އަބޫ ޠާހާ ވިދާޅުވިއެވެ. ޔަހޫދީންގެ ޤަތުލުޢާންމު ފެށި ފަހުން ޣައްޒާގެ ގެދޮރުން ކުނި ނަގައި، އުކައިލުމުގެ މަސައްކަތް ހުއްޓިފައިވާ ކަން ވެސް އެ ސަހަރުގެ ރައްޔިތުން ފާހަގަކުރިއެވެ.