ސަސްޕެންޑް ކޮށްފައި ހުރި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ޕޯޗުގަލް އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.
އަޔަލޭންޑާ ދެކޮޅަށް މިދިޔަ ހަފުތާގައި ކުޅޖނު މެޗުގައި ހޯދި ރަތްކާޑުގެ ސަބަބުން ރޮނާލްޑޯ ސަސްޕެންޑްވެފައި ހުއްޓަސް ޕޯޗުގަލް ކޮލިފައިންގެ ފަހު މެޗުގައި މިރޭ އާމިނިއާ ބަލިކުރީ 9-1ގެ ބޮޑު ތަފާތަކުންނެވެ.
މި މެޗުގައި މެންޗެސްޓާ ޔުނައިޓެގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް އާއި ޔާއޯ ނެވޭސް ވަނީ ހެޓްރިކް ހަދައިފަ އެވެ. މީގެ އިތުރުން ދެން ލަނޑު ޖެހީ ރެނާޓޯ އާއި ގޮންކާލޯ ރާމޯސް އަދި ފްރޭންސިސްކޯ ކޮންސެއިސާއޯ އެވެ.
ޕޯޗުގަލް ވޯލްޑް ކަޕަށް ކޮލިފައިވިއިރު އަންނަ އަހަރު އެމެރިކާގައި ބާއްވާ މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް ރޮނާލްޑޯ އަށް ނުކުޅެވޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޕޯޗުގަލް މުބާރާތް ކޮލިފައިވުމުން ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ހުރިހާ ޝުކުރެއް އޮތީ ކުޅުންތެރިންނަށް ކަމަށެވެ. އަދި ވޯލްޑް ކަޕަށް ވަރަށް ބޮޑަށް ސީރިއަސް ވާންޖެހޭނެ ކަމަށާއި ޕޯޗުގަލްގައި އޮތީ މުބާރާތުގައި ހުރިހާ ގޮތަކުން ވެސް ކުރިއަށް ދެވޭނެ ފަދަ ޓީމެއް ކަމަށެވެ.
އޭނާ އަދި ބުނީ މި މެޗުގައި ރޮނާލްޑޯ ނުކުޅުނަސް އުމުރުން 40 އަހަރގެ ކެޕްޓަން ކޮލިފައިންގައި އަދާކޮށްފައިވަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ. އަދި ވޯލްޑް ކަޕަށްދާ ޓީމުގައި ރޮނާލްޑޯ ހުރުމަކީ ހުރިހާ ގޮތަކުން ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.