ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 196 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތްފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.
މީސްމީޑިޔާގައި ހާމަކުރައްވަމުން ކަސްޓަމްސްއިން ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ޓަކައި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ 2 އަހަރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ މުއްދަތުގައި ޖުމުލަ 196 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ޖުމްލަ 265 މިލިޔަން ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާއި ގުޅިގެން ކަސްޓަމްސުން ވަނީ ފާއިތުވި 104 ހަފްތާގެ ތެރޭގައި ޖުމްލަ 196 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި.#Hafthaa104 pic.twitter.com/45rp2YzjPU
— Maldives Customs Service (@CustomsMv) November 17, 2025
ސަރުކާރުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް މިމަހުގެ 13 ވަނަ ދުވަހު ފަށްޓަވާފައެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް މިހާތަނަށް ހިންގޭ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އޮޕަރޭޝަންކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހުވެސް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ގުޅުންހުރި 104 ތަނެއް ބަލައި، ފާސްކޮށް، 100 މީހުން ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ވަނީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސާފުވަންދެން މި އޮޕަރޭޝަން ނުހުއްޓާނެ ކަމަށާއި 24 ގަޑިއިރު މި އޮޕަރޭޝަން ކުރިއަށްގެންދާނެކަން ހާމަކުރައްވާފައެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ތެރޭގައި އުޅޭ މީހުންނަށް ދިރިއުޅެން އުނދަގޫވާ ވަރު ކުރާނެ ކަމަށާއި ދެން މިކަން ރާއްޖޭގައި ނުކުރެވޭނެކަމަށް ބުނެ ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތްތަކަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ، މި މައްސަލައަށް ވަށައިޖެހޭ ހައްލެއް ގެނައުމަށްކުރާ މަސައްކަތެކެވެ. އަދި މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، ނެޓްވަރކްތައް މުޅިން ނައްތާލުމަށާއި މުޖުތަމަޢުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.