ޚަބަރު

ދިއްދޫ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުޅުވަނީ


  • މިއީ 1500 މީހުންނަށް ނަމާދުކުރެވޭ ޖާގައާއެކު ތަރައްޤީކޮށްފައިވާ މަރުކަޒެއް

  • މަރުކަޒުގެ ނަން ޚާއްސަކޮށްފައިވަނީ 3 ނޮވެންބަރުގެ ޝަހީދަކަށް ނިސްބަތްކޮށް

ހއ. ދިއްދޫގައި ތަރައްޤީކުރަމުންދާ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުޅުވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ދިއްދޫގައި ތަރައްޤީކުރަމުންދާ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހުގެ ހުކުރު ނަމާދަށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިއްދޫ އިސްލާމީ މަރުކަޒަށް ނަން ދީފައިވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ނިރުބަވެރި ޖަމާޢަތަކުން ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި އޭރު މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށް ނިސްބަތްކޮށެވެ. ޝަހީދު ޢުމަރު އަޙްމަދު ނިސްބަތްވަނީވެސް ހއ. ދިއްދޫއަށެވެ.

ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒު ހުޅުވޭ ދުވަހު ހަމަ އެތާ އިސްލާމީ ލައިބްރަރީއާއި ޤުރުއާން މަރުކަޒުގެ އައުޓްރީޗް ސެންޓަރު ވެސް ހުޅުވޭނެ ކަމަށެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ 2023 ވަނަ އަހަރުއެވެ. މި މަސައްކަތަށް ސަރުކާރުން 50 މިލިއަން ރުފިޔާ ހޭދަކުރެއެވެ. މިއީ 1500 މީހުންނަށް ނަމާދުކުރެވޭ ޖާގައާއެކު ތަރައްޤީކުރާ މަރުކަޒެކެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމެއް ހުންނާނެއެވެ. މީގެ އިތުރުން 2 ސެމިނަރ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގައެއްވެސް ހިމެނެއެވެ.

އިސްލާމީ މަރުކަޒު ތަރައްޤީކުރަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެވެ. ދިއްދޫގައި މި ވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރުކުރެވޭ ޖާގަ ތަނަވަސް މިސްކިތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 3 މިސްކިތެކެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ އިސްލާމީ މަރުކަޒާއެކު، މިސްކިތުގެ ޖާގައިގެ މައްސަލަ ޙައްލުވެ، އަލަށް މީހުން އާބާދުވާ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެއެވެ.

ދިއްދުއަކީ އާބާދީގައި 7000އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.