މިދިޔަ 2 އަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 333 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުޖްތަމައުގެ ހަވާސާވެފައިވާ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާއްތަކަށް މުޖްތަމައުގައި އެހެން މީހުންނެކޭ އެއްފަދައިން އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އަދުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިޖްތިމާއި ރައްކާތެރިކަމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާއްތަކަށް މީގެ ކުރިން އެންމެ ރަނގަޅަށް ސަމާލުކަން ދެވިފައިނުވާކަމަށެވެ. އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާއްތަކަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވި އަހަންމިއްޔަތުކަމާއި ފަހިކޮށްދިން ފުރުސަތުތަކުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކާއި ސިވިލްސާރވިސްގެ ތެރެއިން 333 ފަރާތަކަށް ވަޒީފާގެ ފުރުޞާތު ހޯދައިދީދައިވާކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުން 288 ފަރާތަކަށް ވަޒީފާގެ ފުރުސަތާއި ސިވިލްސާރވިސްގެ ތެރެއިން 45 ފަރާތަކަށް ވަޒީފާ ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން ވާނީ ސަރުކާރުގެ ކުންފުނިތަކާއި ސިވިލްސާރވިސްގެ ތެރެއިން ނުކުޅެދުންތެރިކަން ހުރި 333 ފަރާތަކަށް ވަޒީފާ ދީފައި. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުން 288 ފަރާތަކާއި ސިވިލްސާރވިސްތެރެއިން 45 ފަރާތް. މި އަދަދު މިހާރުވެސް ދަނީ އިތުރުވަމުން. މީގެ އިތުރުންވެސް މިދާއިރާއިން ގިނަ ކަންތައްތަކެއް މިދަނީ ކުރަމުން" ރައީސް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ މީހުންނަށް، އާމްދަނީ ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވެސް ދަނީ އެކި ކުންފުނިތަކާއި އިދާރާތަކާއެކު އެއްބަސްވުންތައް ޤާއިމްކުރަމުންނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވާ، މަސައްކަތުގެ މާޙައުލަށް ނެރުމަށް ކުރާ މަސައްކަތުގެ މައިގަނޑު އެއް މަޤްޞަދަކީ އެމީހުންގެ ފަރާތުން އެހެން މީހުން ހިތްވަރު ލިބިގަނެ، ކޮންމެ މީހަކީވެސް މުޖުތަމަޢުގައި ބޭނުންތެރި މީހަކަށް ހެދުންއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާޙައުލެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އެއްކަމަކީ، މަސައްކަތުގެ މާޙައުލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އުޅެވޭނެ ފަހި މާޙައުލަކަމަށް ހެދުމަށް އިމާރާތްތައް ބިނާކުރާ ގޮތަށް ބަދަލުގެނައުމުގެ އުސޫލެއް ކަނޑައެޅުމަށް ނިންމި ނިންމުމެވެ. އަދި މިހާރު ހުރި އޮފީސްތަކުގައިވެސް ބަދަލުގެނެވެން ހުރި އޮފީސްތަކުގައި އެ ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.