ޚަބަރު

2 އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 6223 އެނދު ނެރެފިން: ރައީސް


  • ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް އިސްކަންދޭނެ ކަމަށް ވިދާޅުވި

  • މިދިޔަ އަހަރަށްވުރެ ގިނަ ފަތުރުވެރިން މިއަހަަރު އަންނާނެކަމަށްވެސް ވިދާޅުވި

މި ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 6223 އެނދު އިތުރުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން އައިކަމަށެވެ. ނަމަވެސް މިއަހަރު މިއަށްވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައި ގިނަ އަދަދަކަށް އެނދު ނެރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އޭގެ ނަތީޖާ ހާސިލްކުރެވިފައި މިވަނީ. މިއަހަރު ތެރޭގައި ރާއްޖޭގައި ރަޖިސްޓަރ ކުރެވުނު އެނދުގެ އަދަދު 2995 އެނދު. 17 ނޮވެމްބަރުން ފެށިގެން ބަލައިފިއްޔާ 6223 އެނދު އިތުރުކުރެވިއްޖެ." ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ޝަންގްރިއްލާ ހުޅުވުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޝަންގްރިއްލާ ހިންގާ ކުންފުންޏަށް މިހާރު އެތަން ހުޅުވައިފިނަމަ ފައިދާ ވާނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށެވެ.

ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެފައި ނެތް ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އިންވެސްޓަރުންނަށް ދީފައިވާ ލުއިތަކާއެކު އެ ފަރާތްތަކުން މިހާރު ބިޑް ހުށައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.