އެސްއީޒެޑް ޤާނޫނުގެ ތެރެއިން އިންވެސްޓްމެންޓުތައް އައުމުން އިޤްތިޞާދަށް ކުރިއެރުން ލިބި، އިޤްތިޞާދު ސިންދަފާތުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް "ރައްޔިތުންނާއެކު ކުރިއަށް" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެސްއީޒެޑް ޤާނޫނުގެ ދަށުން ކުރައްވަމުން ގެންދަވާ މަސައްކަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން 19 ދާއިރާއެއް ދިވެހިންނަށް އެކަނި އިންވެސްޓްކުރެވޭ ގޮތަށް އިންތިޒާމްކުރައްވާފައިވާކަން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެޒްއީޒެޑް ޤާނޫނުގެ ތެރެއިން ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކަށްވެގެންދާނީ ޤައުމުގެ އިޤްތިޞާދު އެތައް ގުނައަކުން ކުރިއެރުންކަމަށެެވެ. އަދި އެކަމުގެ ސަބަބުން އިގްތިޞާދުވެސް ސިންދަފާތުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ނ.އަތޮޅުގެ ޓައުންޝިޕް ޕްރޮޖެކްޓަކަށް އެސްއީޒެޑް ޤާނޫނުގެ ތެރެއިން ފުރުސަތު ދީފައި އެވަނީ. މިހެން ގޮސް އެކި ދިމާލުން ޕްރޮޖެކްޓް ގެނެސް އިންވެސްޓް ކުރުން ވެގެންދާނީ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ. ޑައިވާސިފިކޭޝަން ލިބޭ ވަރަށް މުހިންމު މަސައްކަތްތަކެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ބަދަލު ގެނައުމާއެކު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބެމުންދާކަމަށް ވިދާޅުވިއެވެ. މިކަމުގެ މިސާލެއްގެ ގޮތުގައި ގޫގުލްއިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް ޤާއިމްކުރަން އިންވެސްޓްކުރަން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ރާއްޖެއަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން އުފެއްދުމަށް، ޕާލް ވިސާ ޕްރޮގްރާމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި އިންވެސްޓްމެންޓް ނުގެނެވި ހުރި ސަރަހައްދުތަކަށް އިންވެސްޓްމެންޓް ގެނައުމަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި، އެކަމުގެ ދިރާސީ މަސައްކަތްކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިމަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލާ، ގެންނަން ބޭނުންވާ ބަދަލުތައް ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.