ޚަބަރު

އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ


  • ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމް އެޗަށް ގެންގޮސްދީފައިވޭ

  • އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށް

އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 16ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން، ހަމަ އެދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށާއި، އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ޞިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މީގެ އިތުރުން، ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި، އެފަރާތްތައް އިތުރަށް ވިކްޓިމައިޒް ނުކުރުމަށާއި، އަނިޔާ ލިބުނު ފަރާތާއި އެ އާއިލާގެ އިހުސާސްތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އަދި އެފަރާތްތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.