ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް ވަޒީރުންގެ ފޯރަމުގައި ބައިވެރިވެ ވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބެލްޖިއަމްއަށް ފުރާވަޑައިގެންފިއެވެ.
ޚަރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ، ހައި-ރެޕްރެޒެންޓޭޓިވް ފޮރ ފޮރިން އެފެއާރޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް، ކާޔާ ކަލާސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ހަތަރުވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ފޯރަމް ކުރިއަށް ދާނީ، މި މަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައެވެ. މި ފޯރަމް ވާނީ، ޔޫރަޕިއަން ޔޫނިއަންއާއި އިންޑޯ-ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ވަރަށް ރަގަޅު ފުރުޞަތަކަށް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
މި ފޯރަމްގެ ތެރެއިން "ކޮމަން އެންޑޭވާރސް ފޮރ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަރ"ގެ ނަމުގައި ބާއްވާ ވަށްމޭޒު ޖަލްސާގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފޯރަމްގެ ޙަވާސާގެ ތެރެއިން ރަޚްމަތްތެރި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގުޅުން ދެމެހެއްޓުމަށް ރާއްޖެއިން އިސްކަންދޭ މިންވަރު ދައްކުވައިދިނުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.