ދިވެހިރާއްޖެ އަތުން އޭޝިއަން ކަޕް ކޮލިފައިންގައި އިއްޔެ 2-0އިން މޮޅުވި މެޗުގައި ބޭނުންވި ގިނަ ކަންކަން ހާސިލްކުރެވުނު ކަމަށް ޕިލިޕީންސްގެ ކޯޗު ކާލޮސް ކުއަޑްރާޓް ބުނެފިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ މެޗަށް ނުކުތީ ފުރަތަމަ މިނިޓުން ފެށިގެން ގޯލުތަކެއް ޖަހަން ކަމަށެވެ. ނަމަވެސް ދެ ލަނޑުން މެޗު ނިންމާލެވުނަސް ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.
"އަހަރުމެން ވާހަކަ ދެއްކީ މެޗު ވަރަށް ފޯރިއާއެކު ފަށަން. އެކަން ކުރެވުނު. ދެން ޖެހުނު އެންމެ ގިނަ އަދަދަކަށް ގޯލު ޖަހަން ފުރަތަމަ މިނިޓުން ފެށިގެން. އަހަރުމެންނަށް ސެޓް ޕްލޭއިން ގޯލު ޖެހުނުކަމީ ވަރަށް ރަނގަޅު ކަމެއް. ސަބަބަކީ އެއީ އަހަރުމެން ޑުބާއީގައި އެންމެ ބޮޑަށް ފަރިތަކުރި އެއްކަންތައް ކަމަށްވާތީވެ. ދެ ވަނަ ގޯލަކީ އަހަރުމެން އެޓޭކް ކުރާއިރު ޕެނަލްޓީ އޭރިޔާ ތެރެއިން ނެގި ވަރަށް ރަނގަޅު ޑިސިޝަނެއް. އަހަރުމެން ދެ ވަނަ ހާފުގައި ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އެކަމަކު ނަސީބު ދެރަކަމުން އަހަރުމެންނަށް ތިން ވަނަ ލަނޑެއް ނުޖެހުނު،" ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ފުޓްބޯޅަ އަކީ ކޮންމެ ދުވަހަކު އެއްގޮތަކަށް ނަތީޖާ ނުކުންނާނެ ކަމެއް ނޫން ކަމަށެވެ. ރާއްޖެ މެޗުގައި އޭނާގެ ޓީމު ކިތަންމެ ރަނގަޅަށް ކުޅުނު ނަމަވެސް ފަހަރު ބޮޑު ނަތީޖާއެއް ނުހޯދުނީ މިހެންވެ ކަމަށެވެ.
"އެކަމަކު ޓީމު ވަރަށް ރަނގަޅަށް ކުޅުނު. ވަރަށް ފޯރީގައި މެޗު ދިޔައީ. އަދި އަހަރުމެން ޕްރެކްޓިސް ކުރި ގިނަ ކަންކަން މެޗުގައި އިމްޕްލިމެންޓް ކުރެވުނު. ކޮންމެ ދުވަހަކީ ބޭނުންވާ ހުރިހާ ކަމެއް ހާސިލް ކުރެވޭނެ ކަމެއްނޫން،" ކޯޗު ބުންޏެވެ.
އޭނާ ބުނީ މި ނަތީޖާއާއެކު ކޮލިފައިންގެ ފަހު މެޗުގައި ތަޖިކިސްތާން ބަލިކުރަން ޖެހޭކަން ޔަގީން ކަމަށާއި އެ މެޗަށް ތައްޔާރުވާނީ ސީދާ މޮޅުވާން ކަމަށެވެ.
ކޮލިފައިންގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ އެންމެ މެޗެކެވެ. ގްރޫޕް އޭއިން މިހާތަނަށް ޕޮއިންޓެއް ނުލިބިވަނީ ރާއްޖެ އެވެ. ފުލުގައި ރާއްޖެއޮތްއިރު ތިން ވަނާގައިވަނީ އީސްޓީމޯރެވެ. ފިލިޕީންސާއި ތަޖިކިސްތާނަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން އެއްވަނާގައިވަނީ ތަޖިކިސްތާނެވެ. އެ ގައުމަށް ފައިދާ 11 ގޯލު ލިބިފައިވާއިރު ފިލިޕީންސަށް ލިބިފައިވަނީ ފައިދާ 10 ގޯލެވެ. މިހެންވެ ތަޖިކިސްތާނުގެ އަމިއްލަ ދަނޑުގައި އަންނަ އަހަރުގެ މާޗު މަހު ކުޅޭ މެޗަކީ މި ގްރޫޕުން ކޮލިފައިވާނެ ޓީމު ކަނޑައަޅާނެ މެޗެވެ.