އިނގިރޭސި ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިންގެ އެންމެ މުހިންމު ކަމަކީ ރަނގަޅު އުޅުމާއި އަހުލާގު ހުރުން ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
އޭނާ މިހެން ބުނީ އިނގިރޭސި އެންމެ އަލިގަދަ ތަރި ޖޫޑް ބެލިންހަމް ބައެއް މެޗުތަކުގައި ފުރަތަމަ 11ގައި ނުހިމަނައި ދިއުމުން ކުޅުންތެރިޔާ އަމަލުކޮށްފައިވާ ގޮތާމެދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުންނެވެ.
"އަހަރެންނަށް ފެނުނު އޭނާ ހިތްހަމަ ނުޖެހިފައި ހުރިތަން. އެކަމަކު މި ޓީމުގައި އެންމެ މުހިންމު އެ މީހެއްގެ އަމަލުތައް ހުންނަ ގޮތް. މުޅި ޓީމަށް ވެސް، ކުޅުންތެރިން އެކަކު އަނެކަކަށް ވެސް އިހްތިރާމް ކުރަންވާނެ. ޓީމުން ނިންމާ ނިންމުންތަކަށް ވެސް އިހްތިރާމް ކުރަންވާނެ،" ޓުޗެލް ބުންޏެވެ.
ޖަރުމަނުގެ ކޯޗު ޓީމާ ހަވާލުވި ފަހުން މިހާތަނަށް އަދި އިނގިރޭސިން ބަލިނުވެ އެވެ. އޭނާ ދަނީ މޫނަކަށް ނުބަލައި ކުޅުންތެރިންނާމެދު އަމަލު ކުރަމުންނެވެ. މި ގޮތުގެ މަތީން ބެލިހަމް ޓީމަށް ނެގީ މީގެ ކުރިން ޓީމުގައި ނުހިމަނައި ބާކީ ވެސް ކުރުމަށް ފަހުއެވެ.
ޓުޗެލް ބުނީ އޭނާ މަސައްކަތް ކުރަނީ ކާމިޔާބު ހޯދާނެ ޓީމެއް ބިނާކުރަން ކަމަށާއި އޭނާ ބޭނުންވަނީ ކުޅުންތެރިން މި ގޮތުގައި މަސައްކަތް ކުރަން ކަމަށެވެ.
"އިނގިރޭސި ޓީމަކީ ވަކި މީހެއްގެ ޓީމެއްނޫން. މިތަނުގައި ކޮންމެ ކޯޗަކު ހުއްޓަސް އެ މީހެއްގެ އުސޫލުތަކާ އެއްގޮތަކަށް ނިންމުންތައް ނިންމާނެ. ކުޅުންތެރިން އެކަމަށް އިހްތިރާމް ކުރަން ޖެހޭނެ. ބެލިންހަމަކީ ވެސް ޓީމުގެ މުހިންމު ކުޅުންތެރިއެއް. ހަމަމިއާއެކު ދެން ތިބީ ވެސް މުހިންމު ކުޅުންތެރިން. އެންމެންވެސް ހަމަހަމަވާނެ،" ކޯޗު ބުންޏެވެ.