ކުޅިވަރު

އޮލިމްޕިކް ސްޓޭޑިއަމް ދޫކޮށް ބާސެލޯނާ އެނބުރި ގެއަށް


ސްޕޭނުގެ އޮލިމްޕިކް ސްޓޭޑިއަމް ދޫކޮށް ބާސެލޯނާއިން އެ ކުލަބުގެ ރަސްމީ ދަނޑު ކަމަށްވާ ނޯ ކޭމްޕަށް ބަދަލުވާން ނިންމައިފިއެވެ.

ބާސެލޯނާއިން 2023 ވަނަ އަހަރު އެ ކުލަބުގެ ނޯކޭމްޕް ދޫކޮށް، އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅެން ފެށީ ސްޓޭޑިއަމް ތަޅާލައި އަލުން ބިނާކުރަން ފެށުމަށެވެ. ނަމަވެސް ސްޓޭޑިއަމުގެ ބޮޑުބައި ނިމި ބޭނުން ކުރެވޭ ގޮތްވުމުން ބާސެލޯނާއިން ކޭމްޕްނޯގައި ކުޅޭނެ ފުރަތަމަ މެޗަކަށް ވާނީ މި ހަފުތާގައި އެތްލެޓިކް ކުލަބާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

ޖުމުލަ 105000 މީހުންނަށް ވަދެވޭ ގޮތަށް ބިނާކުރަމުންދާ ސްޓޭޑިއަމުގައި ބާސެލޯނާއިން މެޗުތައް ކުޅެން ފަށާނީ 45000 މީހުންގެ ޖާގަ އަށް މީހުން ވައްދައިގެންނެވެ. އެއީ މިހާތަނަށް ސްޓޭޑިއަމުގެ ފުރަތަމަ ބައިގެ ދެ ފޭސް ނިމި ސިޓީ ކައުންސިލްގެ ހުއްދަ ލިބިފައިވާތީ އެވެ.

ބާސެލޯނާ އަށް މި ދަނޑުގައި ކުޅުމުގެ ހުއްދަ ސިޓީ ކައުންސިލުން ވަނީ މިދިޔަ މަހު ދީފަ އެވެ. ނަމަވެސް ސްޓޭޑިއަމަށް ބަދަލުވުން ބާސެލޯނާއިން ފަސް ކުރީ އޭރު ކުޅިބަލަން ވަނުމުގެ ހުއްދަ އޮތީ އެންމެ 25000 މީހުންނަށް ކަމަށްވާތީ އެވެ. ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ބުނީ މި އހަރު ނިމުމުގެ ކުރިން އުއްމީދަކީ ސްޓޭޑިއަމުގައި 60000 މީހުންނަށް ކުޅިބަލަން ތިބެވޭ ގޮތަށް މެޗުތައް ކުޅުން ކަމަށެވެ.

ނޯކޭމްޕްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޖޯން ސެންޓެޔޭސް ވިދާޅުވީ ދަނޑުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކޮންމެ މެޗެއް ކުޅުމުގެ 48 ގަޑިއިރު ކުރިން މެދު ކަނޑާލާނެ ކަމަށެވެ. އަދި އެންމެ އިސްކަންދެނީ ސަޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

އެތްލެޓިކް ކުލަބާ ދެކޮޅަށް ބާސެލޯނާއިން ކުޅޭ މެޗަށް އެ ކުލަބުން ނިންމާފައިވަނީ އިދިކޮޅު ޓީމުގެ ސަޕޯޓަރުން ނުވެއްދުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ސްޓޭޑިއަމް މަރާމާތު ކުރަމުންދާތީވެ ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ. ނަމަވެސް މި މައްސަލަ އެތްލެޓިކޯއިން ވަނީ ސްޕެނިޝް ލީގަށް ވެސް ހުށަހަޅާފަ އެވެ.

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވީ ސްޓޭޑިއަމް ބިނާކޮށް، އަލުން އެ ދަނޑުގައި ކުޅެން ފެށުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.