ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނަގަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން މަސައްކަތް ފަށައިފިއެވެ.
ހދ. ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އަލުން ފަށާފައިވަނީ ސަރުކާރުން އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ދީފައިވާ ލުއިތަކާއެކު މިދިޔަ އޯގަސްޓް މަހުއެވެ.
ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ތަފާތު 13 މަޤާމަކަށް 20 މުވައްޒަފުން ނެގުމަށް އެމްޓީޑީސީންވަނީ އިޢުލާންކޮށްފައެވެ. މީގެތެރޭގައި ޕްރޮޖެކްޓް މެނޭޖަރާއި ކޮންސްޓްރަކްޝަން މެނޭޖަރު ފަދަ މަޤާމުތައް ހިމެނެއެވެ. އެމްޓީޑީސީން ވިދާޅުވީ މި މަޝްރޫޢަށް މުވައްޒަފުން ނަގަނީ 2 އަހަރު ދުވަހުގެ މުއްދަތަށް އެރަށުގައި މަސައްކަތް ކުރާ ގޮތަށްކަމަށެވެ.
މިވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން ވަޒީފާއަށް އެދި ހުށަހެޅުމަށް އެމްޓީޑީސީން ވަނީ ހުޅުވާލާފައެވެ.
ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ސަބްލީޒްކުރީ ރަޝިއާގެ ތްރީކް ކުންފުންޏަށެވެ. އެކުންފުންޏަށް އެމަޝްރޫޢު ކުރިއަށް ނުގެންދެވި، އޮވެ 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުމަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން އެއަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދީފައެވެ. ނަމަވެސް 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެގްރިމެންޓް ވަނީ އުވާލާފައެވެ. އޭގެ ފަހުން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މަސައްކަތާއެކު މާލީ ވުޒާރާއިން ވަނީ އެމްޓީޑީސީއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ފައިނޭންސިން ހަމަޖައްސަވާފައެވެ.
މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އޯގަސްޓް މަހު ހދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު ވަނީ އެ ރަށަށް ވަޑައިގެން މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
އެމްޓީޑީސީން ވިދާޅުވީ މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރީގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ޑިސެންބަރުމަހަށް ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ވިދާޅުވިއެވެ. އޭގެތެރޭގައި ބީޗް ވިލާތަކާއި، ޖަކޫޒީ ބީޗް ވިލާސް، އަދި ވޯޓާ ވިލާސް ހިމެނޭހެން 4 ގިންތިއެއްގެ ކޮޓަރިތައް ހުންނާނެ ކަމަށް އެމްޑީޓީސީން ފާހަގަކުރެއެވެ.
ނާގޯށި ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް، އެމްޓީޑީސީން ވިދާޅުވެފައިވާއިރު، މިރަށަކީ ރާއްޖޭގައި ފަތުރުވެރިކަމަށް ތަރައްޤީކުރެވޭ އެންމެ ބޮޑު އެއް ރަށްކަން ފާހަގަކޮށްލެވެއެވެ. އެމްޓީޑީސީން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް ނިންމާލާއިރު މިރަށުގައި 600 އެއްހާ ވަޒީފާ އުފެދޭނެއެވެ. އޭގެސަބަބުން މުޅި ހދ. އަތޮޅަށްވެސް އޭގެ ފައިދާ ކުރާނެކަން ސަރުކާރުން ޤަބޫލުކުރެއެވެ.
ކުރިއަށް އޮތް އަހަރުތެރޭގައި މިރަށަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށައި ތަމްރީން ދިނުމުގެ މަސައްކަތްވެސް ފައްޓަވާނޭކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ.
އެމްޓީޑީސީން ވަނީ ނާގޯށި އޮޕަރޭޓް ކުރުމަށް އިންޓަރނޭޝަނަލް ބްރޭންޑެއް ހޯދައި، އެކަމާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.