30،000 އަށްވުރެ ގިނަ މީހުންނަށް ސައިބަރ ސެކިއުރިޓީއާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުމުގެ މަސްކަމަށްވުމާއެކު ފުލުހުން ވަނީ އެ ދާއިރާއިން މީހުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ބޭނުމަކީ ސައިބަރ ސެކިއުރިޓީގެ މުހިންމުކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސް، ރައްކާތެރި ގޮތުގައި ޓެކްނޮލޮޖީއާއި އިންޓަނެޓުގެ ބޭނުންހިފުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް ބާރު އަޅައި، މިފަދަ ކަންކަން ވީހާވެސް ގިނަ ބައެއްގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.
މި އަހަރުގެ ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުމުގެ މަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ބިލްޑިންގ އަ ސައިބަރ ސްޓްރޯންގ ކޮމިއުނިޓީ"އެވެ. މި ޝިޢާރުން ބާރުއަޅަނީ ތިމާއާއި ތިމާގެ ޢާއިލާ އަދި ވިޔަފާރި ކުންފުނިތަކާއި ރަސްމީ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ސައިބަރ ކްރައިމްގެ ޝިކާރައަކަށް ވިޔަނުދިނުމުގެ ގޮތުން ކުރެވިދާނެ ކަންކަމަށް އަހުލުވެރިކުރުވުމަށެވެ.
ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުމުގެ މަސް ފާހަގަކުރުމުގެ ގޮތުން ފުލުހުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އޮފީސްތަކުގެ މުވައްޒަފުންނާއި ބެލެނިވެރިންނާއި ޢާންމު ރައްޔިތުންނާއި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިމެނެއެވެ. އަދި ޓީވީ އާއި ރޭޑިއޯ ޕްރޮގުރާމްތައް މެދުވެރިކޮށްވެސް ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތުދީފައިވާއިރު ފޯރަމްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެއިތުރުން ފުލުހުން ވަނީ ސައިބަރ ސެކިއުރިޓީއަށް ރައްޔިތުން އަހުލުވެރިވެފައިވާ މިންވަރު ދެނެގަތުމަށް ސާވޭއެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ފުލުހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން 70 ސްކޫލެއްގެ އެސެމްބްލީގައި ފުލުހުން ބައިވެރިވެ، މަޢުލޫމާތުދީފައިވެއެވެ. އެގޮތުން، ސައިބަރ ކްރައިމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވޭނެ ކަންކަމާއި، އިންޓަރނެޓް މެދުވެރިކޮށް ކުރިމަތިވެދާނެ ކަންކަން ކިޔައިދީ ދަރިވަރުން ހޭލުންތެރިކުރުވާފައިވެއެވެ. އަދި ސައިބަރ ކްރައިމްއާ ގުޅޭ މަޢުލޫމާތު ހިމެނޭ 10،000 ލީފްލެޓް ބެލެނިވެރިންނަށް ބަހާފައިވާއިރު، މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގުރާމްތައް 87 ރަށެއްގައި ކުރިއަށްގެންގޮސްފައިވެއެވެ.
ޢާންމު ރައްޔިތުން އަހުލުވެރިކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގުރާމްތަކަށް ބަލާއިރު، 15،500 އަށްވުރެ ގިނަ މީހުންނާ ބައްދަލުކޮށް މައުލޫމާތުދީފައިވެއެވެެ. އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިން ހިމެނޭގޮތަށް 950 މީހުންނަށް މައުލޫމާތު ދީފައިވެއެވެ. ހަމައެއާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ހަރަކާތުގައި 16,000 މީހުންނަށް މައުލޫމާތު ވާސިލުވެފައިވާކަމަށް ލަފާކުރެވޭކަން ފުލުހުން ފާހަގަކުރައްވައެވެ.
ސައިބަރ ކްރައިމަކީ މިވަގުތު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރަމުންދާ ކުށުގެ އެއް ބާވަތެވެ. މިއީ އިންޓަރނެޓާއި އޮންލައިން ވަޞީލަތްތަކުގެ އެހީގައި ޑިޖިޓަލް މާހައުލެއްގައި ހިންގޭ ކުށްތަކެވެ. އެގޮތުން އާދައިގެ ވިޔަފާރިކުރުމަށާއި ތަޢުލީމު ޙާސިލުކުރުންފަދަ އެތައް ކަމަކާއި އިޖުތިމާޢީ ގުޅުންތަކަށް އިންޓަރނެޓް ބޭނުންކުރަމުންދާއިރު ސަލާމަތްތެރިކަމުގެ ފިޔަވަޅުތަަކަށް ފަރުވާކުޑަކޮށްފިނަމަ ނޭނގި ތިއްބައި ނުރައްކަލުގެ ތެރެއަށް ހުށަހެޅި، އިއާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.