ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނީ ތަރައްޤީއާ އެއްގޮތަށް ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ ނަސްލީ ތަފާތުކުރުން ނައްތާލުމާ ބެހޭ މުޢާހަދާގެ ދަށުން ރާއްޖެއިން ހުށަހެޅި ރިޕޯޓުގެ ރިވިއު ސެޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނަސްލީ ތަފާތުކުރުންތައް ނައްތާލުމާގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާގެ ދަށުން ރައްޖެއިން 2022 ވަނަ އަހަރު ހުށަހަޅާފައިވާ ރިޕޯޓު ރިވިއު ކުރުމަށް އދ. ގެ ނަސްލީ ތަފާތުކުރުން ނައްތާލުމާ ގުޅޭ ކޮމިޓީން ކުރިއަށް ގެންދިޔަ ރިވިއު ސެޝަނުގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާ ގެ ދަށުން، ރާއްޖެއިން ހުށަހަޅާފައިވާ 13 - 15 ވަނަ ޕީރިއޮޑިކް ރިވިއު ރިޕޯޓު ރިވިއު ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަމުގެ މިހިނގާ ނޮވެމްބަރ މަހުގެ 18 އަދި 19 ވަނަ ދުވަހުއެވެ.
އ.ދ. ގެ ކޮމިޓީ އޮން ދި އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (ކޮމިޓީ) އިން ރިވިއު ކޮށްފައިވާ ރިޕޯޓަކީ 2011 އިން 2022 ގެ ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖެއިން ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވާ ރިޕޯޓެކެވެ. މިގޮތުން ނަސްލީ ތަފާތުކުރުން ނައްތާލުމާ ގުޅޭ މުޢާހަދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް ލިބިދިނުމާގުޅޭގޮތުންނާއި ކޮމިޓީއިން ދިވެހިރާއްޖެއަށް ތަންފީޛުކުރުމަށް ހުށަހަޅާފައިވާ ކަންކަމާގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތުވެސް މި ރިޕޯޓުގައި ހިމަނާފައިވެއެވެ.
މި ރިވިއުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވި ވަފުދުގައި އިސްކޮށް ހިމެނިވަޑައިގަންނަވަނީ، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުގެ އިސްވެރިން ރާއްޖޭގެ ވަފުދުގައި ސެޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި ރިވިއުގައި، މުޢާހަދާ ތަންފީޛުކުރުމަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފައެވެ.
ރިވިއު ފެއްޓެވުމުގެ ގޮތުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި، މި މުޢާހަދާގައި ބަޔާންކުރާ ކަންކަން ކަށަވަރުކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ޒިންމާއަކަށްވުމުގެ އިތުރުން، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހަމަހަމަކާއި ތަފާތު ނުކުރުމުގެ އަސާސްތަކާ ގުޅިލާމެހިފައިވާ އުސޫލީ އިލްތިޒާމެއްކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހި މުޖުތަމަޢުއަކީ، އެއްބަހަކުން ވާހަކަދައްކާ، އެއްދީނަކަށް ތަބާވާ، އެއް ޘަޤާފަތެއް ގެންގުޅޭ ބަޔަކަށްވާއިރު، މި މުޢާހަދާގެ އުސޫލުތައް ދިވެހިރާއްޖޭގެ މައްޗަށް ހިނގަނީ، ދިވެހިރާއްޖޭގައި އުޅޭ އެހެން ޤައުމުތަކުގެ މަސައްކަތްތެރިންގެ ޙައްޤުތަކާގުޅޭގޮތުން ކަމަށްވާތީ، އެކަންކަން ކަށަވަރުކުރުމަށްޓަކައި، މިދާއިރާގައި ހުރި ގޮންޖެހުންތައް ބަލައިގަނެ، ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނީ ތަރައްޤީއާ އެއްގޮތަށް ކުރިއަރުވައި، އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ ކަންކަން ފުޅާކުރާނެކަމަށް ވިދާޅުވިއެވެ.
މި ރިވިއު ސެޝަނަށްފަހު، ރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ކޮމިޓީއާ ޙިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް ރާއްޖެއާ ހިއްސާކުރާނެވެ.
ނަސްލީ ތަފާތުކުރުން ނައްތާލުމާއި ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވީ 24 އެޕްރީލް 1984 ގައެވެ.